ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ދެ މިނިސްޓްރީ އުވާލައްވައި، ތިން މިނިސްޓްރީއެއްގެ ނަމާއި މަސައްކަތުގެ ދާއިރާތަކަށް ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސް މުއިއްޒުގެ ކެބިނެޓަށް ގެންނެވި ދެވަނަ ބަދަލުގެ ގޮތުގައި މި ބަދަލުތައް ގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ގައެވެ.

އެ ބަދަލުތަކުގެ ތެރެއިން، އުވާލެއްވީ މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެކޮޕްމަންޓާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީއެވެ.

ނަން ބަދަލު ކުރައްވައި މަސައްކަތުގެ ދާއިރާ އަލުން އެކުލަވައިލެއްވި ވުޒާރާތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްޗާ އަށް ބަދަލު ކުރައްވައި، މިނިސްޓްރީ އޮފް ފިނޭންސްގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އަށް ބަދަލުކުރައްވައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ބަދަލުކުރެއްވުން ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނަން ބަދަލު ކުރައްވައި މަސައްކަތުގެ ދައިރާތައް ބަދަލު ކުރައްވާފައި ވަނީ، އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް ފައިސަލް ވަކި ކުރެއްވުމަށްފަހުގައެވެ.

އެއަށްފަހު މިނިސްޓަރަކަށް އައްޔަންކުރެއްވީ އެންވަޔަރަންކަންޓް މިނިސްޓަރަކަށް ހުންނެވި ތޯރިގު އިބްރާހިމްއެވެ.

މި ބަދަލުގެ ތެރެއިން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އޭރުވެސް ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރެވެ.

އޭގެ އިތުރުން އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ހައިދަރު، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް ބަދަލު ކުރެއްވުމަށްފަހު، އޭރު ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި، މަރިޔަމް މާރިޔާގެ އެގްރިގަލްޗަރު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށްފަހު، ހައުސިން މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މުއްތަލިބް އައްޔަން ކުރެއްވިއެވެ.