ފައިސާ ޗާޕުކުރުމާއި ބިރުދެއްކުން އަދި މިސައިލު ގަތުމާ ގުޅޭގޮތުން ސުވާލުކުރުމަށް ތިން މިނިސްޓަރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް މީކާއީލް ހުށަހަޅުއްވާފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމަށް ނިންމާފައިވާ އިރު، އެކަމުގެ ސަބަބުން ކުރިން އިގުތިސާދުގައި ދައުރުވަމުން ނުދާ، އާ ދިވެހި ރުފިޔާ އިގުތިސާދުގައި ދައުރުވާން ފަށާނެ ކަމަށް ގަބޫލުކުރެއްވޭތޯ ސުވާލުކުރެއްވުމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންއާ މީކާއީލް ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދެއްކެވި ކަމަށްބުނާ މައްސަލައިގައި އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން އަޅާފައިވާ ފިޔަވަޅު ސާފުކުރެއްވުމަށެވެ.

އޭގެ އިތުރުން ޑިފެންސް މިނިސްޓަރު ގައްސާން މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވަނީ ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެއްވެސް ބާވަތެއްގެ މިސައިލެއް ގަތުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށްގެންދޭތޯ ސުވާލުކުރެއްވުމަށެވެ.

އޭގެ ތެރެއިން މިސައިލު ގަތުމާ ގުޅޭ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ފައިސާ ޗާޕުކުރުމުގެ ވާހަކަތައް ފެތުރިފައިވަނީ، އެމްއެމްއޭ އިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމަށް އެޗްޑީސީއަށް 14 ބިލިއަން ރުފިޔާ ދެއްކުމަށް އެމްއެމްއޭގެ ބޯޑުން ދާދި ފަހުން ނިންމުމާއެކުއެވެ.