އެކި ކަންކަމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރަން ދޭ ނޯޓިސްގެ މުއްދަތު ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާކުރަން ހުށަހަޅައިފިއެވެ.
މިއަދުގެ ޖަލްސާއަށް މިގޮތަށް ގަވާއިދު އިސްލާހު ކުރަން ހުށަހެޅުއްވީ، މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރުއެވެ.
ނަސީރު އިސްލާހު ހުށަހަޅުއްވާފައި ވަނީ، ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އާއި (އ) އަށެވެ.
އެ މާއްދާގެ (ރ) ގައި މިހާރު އޮންނަނީ، މަޖިލިސް ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރު ކުރެވޭނ،ީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރު ކުރުމަށް ނިންމާ ތާރީހާއި ހާޒިރުވުމަށް ތާވަލުކުރާ ތާރީހާ ދެމެދު، ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން، ސާފު ފަސް ދުވަސް ދިނުމަށް ފަހުގައި ކަމަށެވެ. އަދި (އ) ގައި ބުނަނީ މި ގަވާއިދުގައި މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް އެދެވޭނީ އެ ކަމަކަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން ސާފު ފަސް ދުވަސް ދިނުމަށް ފަހުގައި ކަމަށެވެ.
އެ މާއްދާތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެ ދެ އަކުރުގައި ވެސް ހިމެނޭ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ.
އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ރައީސް މިއަދު ވަނީ އާއްމު ކޮމިޓީއަށް ފޮނުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު