ގައުމީ އެއާލާއިން މޯލްޑިވިއަނުން ހދ. ހަނިމާދޫ އާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ދަތުރުތަކެއް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނި ގޮތުގައި ރާއްޖޭގެ އުތުރު ސަރަހައްދާއި މުހިންމު ސަރަހައްދީ މަންޒިލްތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ދަތުރުތައް ފަށަން ހަމަޖައްސާފައިވަނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ހަފުތާއަކު ދެ ފްލައިޓު ހަނިމާދޫން ބެންގަލޫރަށް ބާއްވާނެއެވެ.

މޯލްޑިވިއަނުން ބުނީ، މާދަމާއިން ފެށިގެން ހަނިމާދޫ-ބެންގަލޫރު ރޫޓަށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް އިލްޔާސް ވިދާޅުވީ، ހަނިމާދޫ-ބެންގަލޫރު ރޫޓު ތައާރަފު ކުރުމުގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ސަގާފީ އަދި އިގްތިސޯދީ ގުޅުން ބަދަހިވެގެންދާނެ،" އިލްޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަނުން އަންނަނީ އިންޑިއާގެ ތިރުވަނަންތަޕޫރަމާއި ހަނިމާދޫއާ ދެމެދު ދަތުރުތައް ވެސް ކުރަމުންނެވެ.