މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލޭ ފެރީ ޓާމިނަލް މާލެއާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

އެ ހިދުމަތް ފެށުމަށް އެމްޓީސީސީގެ ހެންވޭރު ފެރީ ޓާމިނަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، އެމްޓީސީސީގެ ޓާމިނަލްތައް އަތޮޅުތެރެއިން އަންނަ ލޯންޗުތަކަށް ހުޅުވާލަން ނިންމީ ލަފާފުރުމުގައި މިހާރު ހުރި ތަކުލީފުތަކަށް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުން ކަމަށެވެ.

އަދި ޓާމިނަލް ބޭނުންކުރަން ހުޅުވާލި ފުރުސަތުގައި ހިދުމަތަށް އެދިފައިވަނީ ހަތް އޮޕަރޭޓަރުން ކަމަށާއި އެ ހުރިހާ އޮޕަރޭޓަރުންވެސް ހިދުމަތަށް އެދިފައިވަނީ ހެންވޭރު ޓާމިނަލް ބޭނުން ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ޓާމިނަލް ބޭނުންކުރަން އެދިފައިވާ ފަރާތްތަކުގެ ތެރޭގައި ފެންފުށި، މާމިގިލި، ދިއްދޫ، މާފުށި، ގުރައިދޫ، ގުޅި، ގާފަރު، ކާށިދޫ، ބ. ތުޅާދޫ، ހިތާދޫ، ފެހެންދޫ، ގޮއިދޫގެ އިތުރުން ފުޅަދޫއަށް ލޯންޗު ދަތުރުކުރާ ފަރާތްތައް ހިމެނެއެވެ.

އަދި ޓާމިނަލް ބޭނުންކުރާ ހަތް އޮޕަރޭޓަރުންނާއެކު ދުވާލަކު 15 ލޯންޗު ފެރީއަށް ހެންވޭރު ޓާމިނަލުން ހިދުމަތް ދެވޭނެ ކަމަށާއި އޭގެ ތެރޭގައި އެއާޕޯޓް ލޯންޗުތަކާއި ކްރޮސްރޯޑްސްއަށް ދާ ލޯންޗުތައްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނާ ގޮތުން އެ ހަތް އޮޕަރޭޓަރުންނާއެކު ދުވާލަކު 2،000 އެއްހާ ފަސިންޖަރުންނަށް ޓާމިނަލުން ހިދުމަތް ދެވޭނެއެވެ.

ލޯންޗު ފެރީތަކަށް ހެންވޭރު ފެރީ ޓާމިނަލުން ހިދުމަތް ދޭން ފެށި އިރު، ކޮންމެ ލޯންޗަކަށްވެސް ޖެޓީއާ ކައިރިކޮށްފައި ބޭއްވޭނީ 30 މިނެޓެވެ. އަދި ދަތުރުވެރިން ޓާމިނަލަށް އައިސް ފުރުމާ ދޭތެރޭގައި މަޑުކޮށްލަން ޓާމިނަލް ތެރޭގައި ހާއްސަ ސަރަހައްދެއް ހަމަޖައްސާފައިވާއިރު ޓާމިނަލްގެ ފާހާނާ ބޭނުންކުރެވޭނެއެވެ.