އެއާ އިންޑިއާގެ ފްލައިޓެއްގެ ފާހަނާ ބްލޮކްވުމުން އަނބުރާ ޖައްސައިފިއެވެ.

އެއާ އިންޑިއާއިން ބުނެފައިވާ ގޮތުގައި، އެ އެއާލައިންގެ ފްލައިޓެއްގެ ފާހަނާ ބްލޮކްވެފައިވަނީ ޕްލާސްޓިކް ދަބަހާއި ފޮތި އެޅުމަށްފަހު ފްލަޝް ކުރުމުގެ ސަބަބުންނެވެ.

ފުލައިޓު އަނބުރާ ޖައްސަން ޖެހޭ ހާލަތަށް ދިޔައީ، އެމެރިކާގެ ޗިކާގޯއިން އިންޑިއާގެ ވެރިރަށް ދިއްލީއަށް ދަތުރުކުރަމުންދިޔަ އެ ފްލައިޓުގައި ހުންނަ 12 ފާހާނާގެ ތެރެއިން 8 ފާހަނާ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުގެ ސަބަބުންނެވެ. ފުލައިޓު އަނބުރާ ޖައްސާފައިވަނީ ވެސް ޗިކާގޯއަށެވެ.

342 ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ފުލައިޓަށް މި މައްސަލަ ދިމާވީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއިންޑިއާއިން ނެރުނު ބަޔާނެއްގައިވާގޮތުން މި ހާދިސާ ހިނގިއިރު ފްލައިޓު އޮތީ އެޓްލާންޓިކް ކަނޑު މަތީގައެވެ.