ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިއުލާންކުރި ފްލެޓް ލިސްޓުގެ ބޭރުން 577 މީހަކަށް މި ސަރުކާރުން ނެރުނު ލިސްޓުން ފްލެޓް ދޭން ނިންމާފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނުމުން އެކަން ހައުސިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ ޝަރުތު ހަމަވޭތޯ ބެއްލެވި ކަމަށް ހައުސިން މިނިސްޓަރު މުއްތަލިބް ވިދާޅުވި ނަމަވެސް އެ ލިސްޓުގެ ބޭރުން 577 މީހެއްގެ މައުލޫމާތު އަލުން ރިވިއުކޮށް އެ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 27 ފެބްރުއަރީ 2025 ވަނަ ދުވަހު އިއުލާން ކުރި ލިސްޓަކީ 15 ނޮވެމްބަރު 2023 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށްފަހު ދީފައިވާ ލަފައާއި ގުޅިގެން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ހުރި މައުލޫމާތު ބަލައި، ސައްހަކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކަށްފަހު ނެރުނު ލިސްޓެއް ކަމަށެވެ.
އެ ލިސްޓުގައި ހިމެނެނީ 15 ނޮވެންބަރު 2023 ގައި އިއުލާނު ކުރި ލިސްޓުގައި ބަޔާންވެގެންވާ ފަދައިން ތިން ކޮޓަރި ފްލެޓަށް އެދި ފޯމު ލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓު ލިބި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި 75 ޕޮއިންޓު ލިބި ގުރުއަތަށް ދާނެ ކަމަށް އިއުލާނުކޮށްފައިވާ ފަރާތްތަކާއި ދެ ކޮޓަރި ފްލެޓަށް އެދި ފޯމުލީ ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓު ލިބި ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ ފަރާތްތައް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"އެ ނޫން އެއްވެސް ފަރާތެއްގެ ފޯމެއް މި މަރުހަލާގައި ބަލައި ޗެކްކޮށްފައެއް ނުވާނެ އެވެ. އަދި ފްލެޓް ދިނުމުގައި އަމަލުކުރާނެ އާ އުސޫލެއްވެސް އެކަށައަޅާފައެއް ނުވާނެ އެވެ. މިކަމުގައި އަމަލުކޮށްފައިވަނީ ލިޔެ ރަސްމީކޮށް އިއުލާނުކޮށް ޝާއިއުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށާއި ފޯމުތައް އިވެލުއޭޓް ކުރުމަށް ކުރީ ސަރުކާރުން އެކަށައެޅި ގެދޮރުވެރިން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށެވެ." ހައުސިން މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން އިތުރަށް ބުނީ، ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށާއި އެ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފްލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑަނޭޅޭނެ ކަމަށެވެ.
އެމްޑީޕީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓު ރިވިއުކޮށް 27 ފެބްރުއަރީ 2025 ގައި މި ސަރުކާރުން ނެރެފައިވާ ލިސްޓުގައިވާ ގޮތުން ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުންގެއެވެ. އެއީ ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.
ހައުސިން މިނިސްޓްރީން މިހާރު ވަނީ ޝަތުރު ހަމަނުވި މީހުންނަށް ޝަކުވާ އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު