ބާޒާރުގައި ކާށީގެ އަގު ތިރިނުވެ، އާންމުންގެ ޝަކުވާ އިތުރުވުމުން ހޯލްސޭލަރުންނަށް ކާށި ގެނެސްދޭން އެސްޓީއޯ އިން ނިންމައިފިއެވެ.

ބާޒާރުގައި މިހާރު ކާށީގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ކާއްޓެއްގެ އަގު އުޅެނީ 40 އާއި 60 ރުފިޔާއާ ދެމެދުގައެވެ. ކާށީގެ އަގު ތިރިނުވެ، އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަތާ ހަފުތާއެއްހާ ދުވަސްވެފައިވާއިރު އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ އިން ކާށީގެ ތިން ޝިޕްމަންޓެއް ގެނެސް ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށައިފައެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އަންނަނީ ބާޒާރަށް ނެރެމުނެވެ.

އެސްޓީއޯ އިން މިއަދު ބުނީ މި އަހަރުގެ ބާޒާރުގައި ކާށީގެ އަގު ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓް ކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުސަތު މިހާރު ހޯލްސޭލަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ބުކިންއަށް ހުޅުވާލުމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމުލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ މެދުވެރިކޮށް ކާށި ގެންނަން ބޭނުންވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުމުން ނުވަތަ 7291124 އަށް ވައިބާ މެސެޖް ކޮށްގެންވެސް ބުކްކުރެވިދާނެ އެވެ.

އެސްޓީއޯ އިން ބުނީ ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެންނާނެ ކަމަށާއި އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި ގެންނަ މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާ އިން އަދި ޝިޕްމަންޓް އައުމުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުމެވެ.،" އެސްޓީއޯ އިން ބުންޏެވެ.