ގާޒާ އަލުން އާރާސްތުކުރުމަށް އަރަބި ގައުމުތަކުން ހުށަހެޅި މަގުޗާޓަށް ރާއްޖެއިން ތާއީދު ކޮށްފި އެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީގެ ޖިއްދާގައި މިނިސްޓަރުންގެ ފެންވަރުގައި އިއްޔެ ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ފޮރިން މިނިސްޓްރީގެ މީޑިޔާ ގްރޫޕުގައި އިއްޔެ ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. ޚަލީލު ދެއްވި ތަގުރީރުގައި، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރައްވައި ގައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މިނިސްޓަރު ހަލީލު ގޮވާލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު އަރަބިލީގު ސަމިޓުގައި ފާސްކުރި ގާޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށްވެސް މިނިސްޓަރު ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި ފަލަސްތީނަށް ފޯރުކޮށްދެމުން އަންނަ އިންސާނީ އެހީތެރިކަމަށް ހުރަސް އެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހެޅިކަން ފާހަގަކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރީން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުން ކަމަށާއި މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި މިނިސްޓަރު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.