ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން އަދި ޖައިދީޕް އަހްލަވާޓްގެ "ޖުވެލް ތީފް - ދަ ހެއިސްޓް ބިގިންސް" މި މަހު 27 ގައި ނެޓްފްލިކްސް އަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމުގެ އުފެއްދުންތެރީން ކުރީން ވަނީ "ނެކްސްޓް އޮން ނެޓްފްލިކްސް" އިވެންޓުގައި މި ފިލްމުގެ ރަސްމީ ޓީޒާ ދައްކާލައިފައެވެ. 1 މިނެޓާއި 7 ސިކުންތު އެ ޓީޒާގައި ސައިފް އާއި ޖައިދީޕް "ރެޑް ސަން" ވަގަށް ނެގުމަށް ނުކުންނަ މަގުސަދުގެ ކުޑަ ތަސައްވުރެއް ދައްކުވައިދެއެވެ. ސައިފް ވަނީ ތަފާތު ގިނަ ސިފަތަކެއްގައި ފެނި، ވައްކަމުގެ މި ވާހަކައަށް ސިއްރުވެރިކަމުގެ ދަރަޖަތަކެއް އިތުރުކޮށްދީފައެވެ.

މި ޓީޒާގައި ކުނާލް ކަޕޫރު އަދި ނިކިތާ ދައްތާ ވެސް ފެނެއެވެ. އަދި މި ހިތްގައިމު ވާހަކައިގައި އެ ދެ މީހުންގެ ދައުރުވެސް ހާމަކޮށްދެއެވެ. ގަދަފަދަ އެކްޝަނާއި، ނޭވާހިއްލާފަދަ ދުއްވުންތަކާއި، ފިލްމީ ލަވައަކާއެކު މި ޓީޒށާ ވަނީ ފުރިހަމަވެފައެވެ. މަންޒަރުތަކާ ގުޅޭގޮތަށް ލައްވާފައިވާ ހިތްގައިމު މިޔުޒިކުން ވަނީ ފަންނުވެރި އަދި ތްރިލިން ސިނަމާއީ ތަޖުރިބާއަކަށް މަގުފަހިކޮށްދީފައެވެ.

ފިލްމުގެ ހުލާސާގައި ބުނެފައިވަނީ، "ގަހަނާގެ ވައްކަންކުރާ މީހަކާ ވަނީ ބާރުގަދަ ކުށުގެ ވެރިއެއްގެ ފަރާތުން ދުނިޔޭގެ އެންމެ ހޯދަން އުނދަގޫ ޑައިމަންޑް - އެފްރިކަން ރެޑް ސަން - ވަގަށް ނެގުމަށް ހަވާލުކުރެވިފައެވެ. އޭނާގެ ފުރިހަމައަށް ރޭވިފައިވާ ވައްކަމުގެ ރޭވުންތައް ހައިރާންކުރުވަނިވި ދިމާއަކަށް ދެއެވެ. ހަލަބޮލިކަމާއި، އެކިއެކި ބަދަލުތަކާއި، އުންމީދު ނުކުރެވޭ އެކުވުންތަކެއް މި ވާދަވެރިކަމުގައި ހިނގައި، މިކަން މަކަރާއި ހީލަތާއި ހިޔާނާތުގެ ނުރައްކާތެރި ކުޅިވަރަކަށް ބަދަލުވެގެންދެއެވެ."

"ޖުވެލް ތީފް - ދަ ހެއިސްޓް ބިގިންސް" އަކީ ކޫކީ ގުލާޓީ އަދި ރޮބީ ގްރެވާލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމާއެކު ސިއްދާތު އާނަންދް ވަނީ ސްޓްރީމިން ޕްރޮޑިއުސަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މަސައްކަތްކޮށްފައެވެ.