މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު ކަމުން ހުސައިން ހަސަން އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

އެމްއެމްސީގެ ރައީސް ހުސައިން ޝަގީފަށް އެޑްރެސްކުރައްވައި ހުސައިން ފޮނުއްވި ސިޓީގައި ވިދާޅުވީ، އެމްއެމްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ފުރަމުން ގެންދާތީ ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުމަކީ އެމްއެމްސީގެ މެންބަރުކަން ކުރަން ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި މީޑިއާ ކައުންސިލް ދެމި އޮތުން. ނޫސްވެރިކަމުގެ ހަމަތަކާއި މިނިވަން މީޑިއާގެ މާހައުލެއް ހޯދައި ދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން،" ހުސައިންގެ ސިޓީގައި ވިދާޅުވިއެވެ.

ހުސައިން ހަސަން ވަނީ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގއ. ވިލިނގިލީ ދާއިރާގެ ރައީސްކަމުގެ ބައި-އިލެކްޝަންގައި ކާމިޔާބު ކުރައްވައިފައެވެ. އެއާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުން އޭނާއަށް ވަނީ ފުރުސަތު ލިބިފައެވެ. ހުސައިން އެ އިންތިހާބު ކާމިޔާބުކުރެއްވީ މިދިޔަ ދެ ދައުރުގައި ވިލިނގިލީ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރައްވާފައިވާ ސައުދު ހުސައިންއާ ވާދަކުރައްވައިގެންނެވެ.