ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "އޮޅުހިޔާ" ފެސިލިޓީއާ އެނިމަލް ވެލްފެއާ މިނިސްޓްރީން ހަވާލުވެ، މަސައްކަތް ފެށިތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި އެ ފެސިލިޓީއަށް 15 ބުޅާ ގެންގޮސްފިއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސިޓީ ކައުންސިލުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ފެސިލިޓީ، "އޮޅުހިޔާ" ހުޅުވީ 2 ނޮވެމްބަރު 2024 ގައެވެ. އެތަނަށް ބުޅާތައް ގެންދަން ސިޓީ ކައުންސިލުން ނިންމާފައި ވަނިކޮށް، ބުޅާ ފެސިލިޓީގެ ހިދުމަތްތައް ފުރިހަމަ ނުވާ ކަމަށްބުނެ އެތަން މިނިސްޓްރީއާ ހަވާލުކުރަން ސިޓީ ކައުންސިލަށް އެންގިއެވެ.

އެ ފެސިލީޓީއާ މިނިސްޓްރީން ހަވާލުވީ މިދިޔަ ބުދަ ދުވަހުއެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އޮޅުހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވެ އެ ފެސިލިޓީ ފަށައިގަތުމަށް ބޭނުންވާ ކަންކަން ފުރިމަވެފައި ނެތުމުން، އެކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ހިދުމަތްދޭން ފެށުމަށްޓަކައި ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލާފައިވާ ކަމަށެވެ.

"މިހާތަނަށް 15 ބުޅާ ވަނީ އެތަނަށް ގެނެވިފައި. މިކަން ހާސިލުކުރެވުނީ އަޅުގަނޑުމެންގެ ޓާސްކް ފޯހުން ހުއްޓުމެއްނެތި ކުރެވުނު މަސައްކަތާއި، ހިތްވަރާއެކު އެއްބާރުލުން ދެއްވި އެންޖީއޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުން،" މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީގެ ޓީމުން އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.