ބާޒާރުގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް ދެނެގަނެވޭނެ "އަގު މަގު ޕޯޓަލް" އިކޮނޮމިކް މިނިސްޓްރީން ލޯންޗުކޮށްފިއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ބޭއްވި ޕްރޮގްރާމެއްގައި އެ ޕޯޓަލް އިފްތިތާހުކޮށްދެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

ޕޯޓަލް އިފްތިތާހު ކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެ ޕޯޓަލްގެ މަގުސަދަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ލިބެންހުރި ފިހާރަތައް ބެލޭނެ އެޕްލިކޭޝަނެއް ތައާރަފް ކުރުން ކަމަށެވެ.

އެ ޕޯޓަލުން އަގުތައް ފެންނަން ހުންނާނީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން، ކޮންމެ ހަފުތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެޕްލިކޭޝަންގެ ބޭނުމަކީ ރައްޔިތުންނަށް ލައިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެމަގު ފަހިކޮށްދިނުން،" ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޕޯޓަލުގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ.

މި އަގުތަކަކީ މިވަގުތު ބާޒާރުގައި ލިބެންހުރި، އެ މިނިސްޓްރީގެ ސާމްޕަލްތަކުން ދައްކާ އެންމެ ހެގުހެޔޮ ތަކެތި ކަމަށާއި އަދި ފޯޓަލުން މި ވަގުތު ފެންނަން ހުންނާނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތައް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ވަރަށް އަވަހަށް އަތޮޅުތަކުގެ ރަށްތަކުގެ އަގުތައް ވެސް އެ ޕޯޓަލްގައި ހިމަނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިވަގުތު އަގުތައް މޮނީޓާ ކުރަމުންދަނީ މާލެ ސަރަހައްދުގެ ފޭސް އެކެއް އަދި ދޭއް ހިމެނޭގޮތަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ ރަށްތައް ހިމެނޭގޮތަށް އެ މަސައްކަތް ފުޅާކުރަން ރާވާފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.