ޓިކްޓޮކްއިން ތައިލެންޑުގައި 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފިއެވެ.

ތައިލެންޑުގައި އިންވެސްޓުކުރަން ޓިކްޓޮކް އިން ނިންމާފައިވާއިރު އެ އިސްވެސްޓުމަންޓު ކުރިޔަށް ދާނީ ފަސް އަހަރު ދުވަހަށް ފޭސް ތަކަކަށް ބަހާލައިެގންނެވެ.

ޓިކްޓޮކްގެ އިސް ފަރާތަކާ ހަވާލާދީ ތައިލެންޑުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި އިންވެސްޓްމެންޓް އެކި ދާއިރާތަކަށް ބެހިގެންދާނެ އެވެ. އެގޮތުން ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގެ އިތުރުން މަސައްކަތުގެ މާހައުލަށް ފަސޭހަތަކެއް ގެނައުމާއި އޮންލައިން ސޭފްޓީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ޓިކްޓޮކްގެ ވައިސް ޕްރެސިޑެންޓް ހެލޭނާ ލާޗް ވަނީ ތައިލެންޑުގެ ބޮޑުވަޒީރު ޕައޭތޮންތާން ޝިނަވަޓްރާ އާ ބައްދަލުކޮށް އެކަމުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ޗައިނާގެ ބައިޓް ޑާންސް އިން އުފައްދާފައިވާ ޓިކްޓޮކުން ތައިލެންޑުގައި އިންވެސްޓުކުރުމަށް ނިންމާފައިވާއިރު އެމޭޒަން އާއި ގޫގުލްގެ އިތުރުން މައިކްރޯސޮފްޓްއިން ވެސް އަންނަނީ ތައިލެންޑުގައި ބިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުތައް ކުރަމުންނެވެ.