ދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ދ. އަތޮޅު ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެއްޔަށް ވަޑައިގެން ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުއައްސަސާތަކުގެ ވެރިން އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ. އަދި ރައްޔިތުން އެދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މުހިންމު ނިންމެވުންތަކެއް ނިންމަވައި އިއުލާންކުރައްވާފައިވެސް ވެއެވެ.

ކުޑަހުވަދުއަށް ވަޑައިގެން ރައީސް ވަނީ، މި ދައުރުގެ ތެރޭގައި އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ކުޑަހުވަދޫ ވިޔަފާރި ބަނދަރު ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފައެވެ.

މާއެނބޫދޫގައި ބިން ހިއްކުމާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ތައުލީމާއި ސިއްހަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫއުތައް ކުރިއަށްގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީދުއަށް ވަޑައިގެން ރައީސް ވަނީ، ދ. އަތޮޅު ރައްޔިތުންގެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ހަމަޖައްސަވާފައިވާކަން އިއުލާންކުރައްވައިފައެވެ. އަދި ހުޅުދެއްޔަށް ވަޑައިގެން ލަސްވެގެން ޖުލައި މަހު އެ ރަށުގެގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ގިނަ ރަށްތަކެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފައެވެ. އެއާއެކު ދ. އަތޮޅު ވެފައިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުނު ފުރަތަމަ އަތޮޅަށެވެ.

ރައީސްގެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދުމަށް އިއުލާންކޮށްފައިވާ ހައުސިން ޔުނިޓު މަޝްރޫއުގައި ހިމަނައިގެން، އަމިއްލަ ގެދޮރުގައި ހައުސިން ޔުނިޓު އަޅަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަން އިއުލާންކުރައްވައި، އެގޮތަށް ހައުސިން ޔުނިޓް މަޝްރޫއުތައް މުރާޖައާކުރުމަށް ރަށު ކައުންސިލުތަކަށް އިރުޝާދު ދެއްވައިފައެވެ.

މާލޭ ސަރަހައްދުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން، 4000 ފްލެޓް ލިސްޓުގެ މައްސަލަ ހައްލުކުރައްވައި، އަންނަ ބުރާސްފަތި ދުވަހު ލިސްޓު އިއުލާންކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަހައްދުން ގޯތި ކަނޑައަޅައި ކުރިއަށްއޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތާ މި ސަރުކާރުން ހަވާލުވެ، އެ މަސައްކަތުގެ ދުވެލި އަވަސްކުރައްވާނެ ކަމަށާއި އުތުރު ތިލަފަޅުންވެސް، ގެދޮރުވެރިކަމަށް ހާއްސަކޮށް، 125 ހެކްޓަރު ހިއްކަވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރަތައް މެދުވެރިކޮށް ލިބޭނޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ރަމަޟާން މަހަށް ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.