ދޮގު ހެދުމާއި އަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތަކާ ދުރުވާން އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ދ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ހަގީގަތް އޮޅުވާލުމަށްޓަކައި ބައެއް މީހުން އެކި ވާހަކަ ދައްކާ ކަމަށާއި ކަންކަން އޮޅުވާލުމުގައި ވަރަށް ހިތާމަވެރި ގޮތެއްގައި ހަގީގަތާ ހިލާފަށް ވާހަކަަދައްކަމުންދާ ކަމަށެވެ. އަދި ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ ކަންތައްތަކުގައި ހަގީގަތް އޮޅުވާލުމަށް ބައެއް މީހުން ދޮގު ފަތުރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ކޮން ވާހަކައެއްތޯ ދެކެވުނީ، މަސްދަޅު ކޭހުން ވަކި ވަރަކަށް މަސް މަދުކޮށްފައޭ އަޅުގަނޑުމެން ދެނީ. އެކަން ހަގީގަތަކަށް ނުވި، އެ ދޮގު ފަޅާ އަރައިފި. ދެން މަސްދަޅުގެ މަތިގަނޑު ނެއްޓޭގޮތަކަށް ނޫނޭ ހުރީކީ ފަސޭހައިން، އެއީ ވެސް ދޮގެއްކަން ރައްޔިތުންނަށް އެނގިއްޖެ. ދެން މަސްދަޅު ކޭސްތައް ބަހަނީ، ބެހުމުގައި މާލޭގައި މީހުންނަށް ބަހަން ފެށި އިރުގައި ދަތިތަކެއް ދިމާވި. އެކަމުގައި ވެސް ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރި. އެކަން ވެސް މިހާރު އެ އޮތީ ހައްލުވެފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ދައްކާ ވާހަކައަކީ މަސްދަޅު ކޭހެއް ދީގެން ސަރުކާރުން އުޅެނީ ހަރަދު ފޫބައްދަން ވެގެން މިފަހަރު ރަމަޟާން މަހު ފެން ބިލާއި ކަރަންޓު ބިލުން އެ ބައި އަތުލަން ކަމަށްބުނެ ބިރުދައްކަން ދައްކާ ވާހަކަ ކަމަށާއި ކުރިން ވެސް ވިދާޅުވިގޮތަށް ކުރީ ރަމަޟާން މަހުގައި ދިންގޮތަށް މިފަހަރު ވެސް ރަމަޟާން މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓު ދެއްވާނެ ކަމަށެވެ.

"މިކަހަލަ އެތައް ވާހަކައެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދެކެވޭ، އަބަދުވެސް ދެކެވޭ. ކޮންމެހެން ސިޔާސީ މައިދާނަކު ނޫން، އާއިލީ ގުޅުންތަކުގެ ތެރޭގައި ވެސް ވިޔަފާރީގެ ތެރޭގައި ވެސް، އޮފީސްތަކުގައި ވެސް، ދޭދޭ އަފްރާދުންގެ ދޭތެރޭގައި ވެސް. ދޮގު ހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައިގަތުމާއި، މިފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމައުގައި ފެތުރިފައި މިއޮތީ. އަޅުގަނޑުމެންގެ އަޒުމަކަށް ހަދަމާތޯ މި ބަރަކާތްތެރި ރަމަޟާން މަސް އަންނަ އިރުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސު މިކަމުން ތާހިރުކުރަން. އެއީ ފިކުރީ ތަރައްގީއަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ގައުމު ތަރައްގީވުމުގެ އިތުރަށް ތިމާގެ ސިކުނޑިއާ ހިތް އަދި ނަފުސު ވެސް ތަރައްގީވާން ޖެހޭނެ ކަމަށާއި ތިމާގެ ވިސްނުން ތަރައްގީކުރަން ޖެހޭނެ ކަމަށެވެ. އަދި ﷲ ދެއްވާފައިވާ ސިކުނޑީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ އަމާނާތަށް އަމިއްލައަށް ހިޔާނާތްތެރިވީމާ ޖަވާބުދާރީވާން ޖެހޭ ދުވަހު ޖަވާބުދާރީވުން ނޫން ގޮތެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ ދޮގު ވާހަކަ ދެއްކުމާއި، ދޮގު ފެތުރުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާ، މިފަދަ ހުރިހާ އަމަލުތަކެއް ހިންގާ ފަރާތްތަކުން، އެއީ އެކި މައިދާންތަކުގައި، ކޮންމެހެން ސިޔާސީ މައިދާނުގައި އެކަންޏެއް ނޫން ދެންމެ މި ދެންނެވިހެން. ހުރިހާ ދިމާލެއްގައި ވެސް އެކަން ކުރާ ފަރާތްތަކުން އެބަ ޖެހޭ އެކަން ހުއްޓާލަން އަޒުމު ކަނޑައަޅަން، ދޫ ރައްކާތެރިކުރަން. ތިމަންނާއަށް ﷲ ދެއްވާފައިވާ އެއް ބާރަކީ، އަމާނާތަކީ ދޫ. އެ ދޫ ރައްކާތެރިކުރެވިއްޖެއްޔާ ވަރަށް ގިނަ ނުބައި އަމަލުތަކުން އެމީހާ އެބަ ސަލާމަތްވޭ. ވަރަށް ގިނަ ފިތުނަތަކުން މުޖުތަމައު ސަލާމަތްވެގެން އެބަދޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީހެއްގެ އަބުރު ކަތިލާ މީހާގެ ފެންވަރަށް ނުވެއްޓި، ކެތްތެރިވުމަށް ކީރިތި ގުރުއާނުގައި ވެސް ނަސޭހަތްތެރިވެފައިވާ ކަމަށާއި އެކަންކަން އިސްލާހުކުރުމުން މާނަވީ ތަރައްގީ، ހަގީގީ ތަރައްގީ ލިބޭނެ ކަމަށެވެ.