ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދ. އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ތިން ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ އެ ދަތުރުފުޅުގައި އެ ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސްގެ އެ ދަތުރުފުޅަކީ، އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ.

މި ދައުރުފުޅުތަކުގެ ތެރޭގައި ރައީސް ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލަކާ ބައްދަލުކުރައްވައިފައެވެ.

ރައީސްގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހުއެވެ.