މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކޮށްފިއެވެ.

ކުޑަގިރިއަށް ދެ އަހަރު ފުރުމާ ގުޅިގެން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އަދި ޗެއާމެން އަހުމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން މިއަދު ވަނީ ކުޑަގިރިއަށް ޒިޔާރާތްކުރައްވައި އެ ރަށުގެ އިންތިޒާމުތައް ބައްވަލާލައްވައިފައެވެ.

އެޗްޑީސީން ބުނީ ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއް ވެސް މިއަދު ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެއީ، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށެވެ.

އެޗްޑީސީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމުލަ 54،724 މީހުން ކުޑަގިރިއަށް ޒިޔާރާތްކޮށްފައިވާ ކަމަށާއި އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެ ރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރުވެސް ހުރި ނަމަވެސް، ދެ އަހަރު ފުރުނު އިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ކުޑަގިރިއަށް ދަތުރު ދިއުމާއި، އެތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަކުރުމަށް މިއަދު ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވައިފައެވެ. އެ ކައުންޓަރުން ކުޑަގިރިއާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް އެޗްޑީސީން ދެކެއެވެ.

އަދި އެއާއެކު، އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށްވެސް ވަނީ ނިންމައިފައެވެ. އެއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖައްސާ އިންތިޒާމެކެވެ.

އޭގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށްވެސް ވަނީ ނިންމައިފައެވެ. އެއީ، އެޗްޑީސީއާއި އެމްއެމްޕީއާރުސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށެވެ.