ދިރާގުން ސެމްސަންގް ގެލެކްސީ S25 ,S25 ޕްލަސް އަދި S25 އަލްޓްރާ ރާއްޖޭގައި ލޯންޗުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްދެއްވީ ސެމްސަންގް ސްރީލަންކާ އަދި ރާއްޖޭގެ މެނޭޖިން ޑިރެކްޓާ ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ކަމަށެވެ.

ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ލޯންޗު އިވެންޓުގައި ސެމްސަންގްގެ އެ ފޯނުތައް ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ އިވެންޓުގައި ވާހަކަދައްކަވަމުން މިރުޝާން ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ މުޅި ދުނިޔެއަށް ފުޅާވަމުންދާ ޒަމާނެއްގައި، ޒަމާނީ އޭއައި ޓޫލްސް އާއެކު ތައާރަފުކުރި ގެލެކްސީ S25 ސީރީޒް ފަދަ ވަރުގަދަ ޑިވައިސްތަކަށް އެއާ އެކަށީގެންވާ ވަރުގަދަ ނެޓްވޯކެއް ބޭނުންވާނެ ކަމަށެވެ.

"އެހެންކަމުން، މި ފޯނުތަކަށް އެންމެ އެކަށީގެންވަނީ ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް ކަމުގައިވާ ދިރާގު ނެޓްވޯކު. މިގޮތުން، މިވަގުތު ދިރާގުން ދަނީ ދިވެހިރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5G ނެޓްވޯކް ފޯރުކޮށްދެމުން. އަދި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިއަށްވުރެ ވެސް ރަނގަޅުކޮށް، ޑިޖިޓަލް ދުނިޔޭގައި ކުރިއަށްދިއުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް، ނެޓްވޯކް އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" މިރުޝާން ވިދާޅުވިއެވެ.

ސެމްސަންގް ސްރީ ލަންކާ އަދި ރާއްޖޭގެ މެނޭޖިން ޑިރެކްޓާ ސެންގްވާ ސޯންގް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ސެމްސަންގް ފޯން ބޭނުންކުރާ ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ އިރު، މި ސަރަހައްދުގެ ކަސްޓަމަރުންނަށް ސެމްސަންގުގެ އެންމެ ފަހުގެ ވަސީލަތްތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ދިރާގާއި ސެމްސަންގާ ދެމެދު ގާއިމުކޮށްފައިވާ ޕާޓްނަޝިޕަށް އަލިއަޅުއްވާލައްވައިފައެވެ.

ދިރާގުން ބުނީ ގެލެކްސީ S25 ސީރީޒްއާ އެކު ސެމްސަންގުން ވަނީ އާ ފީޗާތަކެއް ތައާރަފުކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި، އޭއައި އެކުލެވޭ "ލައިވް ޓްރާންސްލޭޓް"، "ނޯޓް އެސިސްޓް" އަދި "ޖެނެރޭޓިވް އެޑިޓް" ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.

އިތުރު ފީޗާތަކުގެ ތެރޭގައި 200 މެގަޕިކްސެލްގެ ކެމެރާ، 5000 އެމްއޭއެޗްގެ ބެޓެރީ ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. އެ ދެ ފީޗާގެ ސަބަބުން ފޯނުގެ ފޮޓޯ އަދި ވީޑިއޯގެ ކޮލިޓީ އިތުރުވެ، ފޯނުގެ ޗާޖު ހުސްވާ މިންވަރު ލަސްވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން، ގޭމް ކުޅުން ފަދަ ހައި ސްޕީޑް ބޭނުންވާ ކަންކަމަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް އެ ފޯނުގައި ވަނީ "ސްނެޕްޑްރެގަން 8 އެލީޓް ޗިޕް" ހިމަނައިފައި ކަމަށް ދިރާގުން ބުންޏެވެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް މުޅިން އާ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އެ ފަރާތްތައް ބާރުވެރިކުރުމަށް ކަމަށް ދިރާގުން ބުންޏެވެ.

އެ ފޯންތައް ގަތުމަށް ޕްރީ-އޯޑާ ކޮށްފައިވާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން ކަސްޓަމަރުން ގަންނަ ކޮންމެ ފޯނަކާއެކު 12 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު ފަސް ޖީބީ ހިލޭ ބޯނަސް ޑޭޓާ ދީފައިވާ ކަމަށާއި ކޮންމެ ފޯނަކާއެކު ހިލޭ ގެލެކްސީ ބަޑްސް، އެއް އަހަރުގެ ނިޔަލަށް ހިލޭ އެއް ފަހަރު ސްކްރީން މަރާމާތުކުރުމުގެ ފުރުސަތު، އަދި ގޫގްލް ވަން ޖެމިނައި އެޑްވާންސްޑްއަށް ހަ މަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ވަނީ ދީފައި ކަމަށް ދިރާގުން ބުންޏެވެ.