ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ ދިވެހި ބަހާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މާދަރީ ދުވަހުގެ މުނާސަބަތުގައި ރައީސް، އެކްސް މެދުވެރުކޮށް މިރޭ ދެއްވި މެސެޖެއްގައި ވިދާޅުވީ މާޒީ އާއި މިއަދު އަދި މާދަމާ ވެސް، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސް ކަމަށެވެ.

"ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހި ދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާސަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ 'ދިވެހި' ބަހާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ މަނިކުފާނު ވަނީ ދިވެހި ބަހާއި ގައުމިއްޔަތަށް ހާއްސަ އިސްކަމެއް ދެއްވައިފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ ދިވެހި ބަސް ކުރިއެރުވުމުގެ ގޮތުން ހާއްސަ މިނިސްޓްރީއެއް ވެސް އުފައްދަވައިފައެވެ.