ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަތުލިޔުއްވުމުގެ ފޮންޓެއް ނެރުމަށް ނިންމައިފިއެވެ.

"މައުމޫން"ގެ ނަން ދެވިފައިވާ އެ ޑިޖިޓަލް ފޮންޓު ތައްޔާރުކޮށްފައިވަނީ މައުމޫން ފައުންޑޭޝަނާ ގުޅިގެން އެންކްރިއާ ސްޓޫޑިއޯގެ ދަށުން ހިންގާ އަކުރު ޓައިޕުންނެވެ.

"މައުމޫން" ފޮންޓު ޑިޒައިންކޮށްފައިވާ ހިތްގައިމު ގިނަ ދިވެހި ފޮންޓުތަކެއް ތައާރަފުކޮށްފައިވާ ދިވެހި ޑިޒައިނަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ. އެ ފޮންޓު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

އެ ފޮންޓާ ގުޅޭގޮތުން މިރޭ "ވަން"އަށް މައުލޫމާތުދެމުން އަބޯ ބުނީ އެ ފޮންޓު ތައްޔާރުކުރީ ރައީސް މައުމޫން އެކި ޒަމާނުގައި ލިޔުއްވާފައިވާ ލިޔުންތައް ދިރާސާކުރުމަށްފަހު، އެއީ އަސްލަކަށް ބަލައިގެން ކަމަށާއި އެ ފޮންޓުގެ މަސައްކަތް ފެށީ މައުމޫން ފައުންޑޭޝަންގެ އެދުމުގެ މަތިން މިދިޔަ އަހަރުގެ ޖުލައި މަހު ކަމަށެވެ. އަދި އެ ފޮންޓުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފުރިހަމަކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ލޯންޗުކުރުމަށްފަހު މި ފޮންޓު، އަކުރު ޓައިޕް މާކެޓް ޕްލޭސް އިން ހިލޭ ލިބޭނެ. ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ނަމަ، އެ ފޮންޓު ގަނެވެން ހުންނާނެ. ގަންނަން ލިބޭނެ ދެ ވައްތަރެއްގެ ފޮންޓެއް، އެއީ އިތުރު ތިކްނަސްއެއް އިންނަ ފޮންޓެއް ހިމެނޭ ގޮތަށް،" އޭނާ ބުންޏެވެ.

އަބޯ ބުނީ "މައުމޫން" ފޮންޓުގެ މައުރަޒު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 11:00 އަށް މާލޭ އާޓް ގެލެރީގައި ކުރިއަށްދާނެ ކަމަށާއި ތަރުހީބަށް ބަލާފައި މައުރަޒު އިތުރު ދުވަހަކަށް ބޭއްވުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އަތުލިޔުއްވުމަށް ހާއްސަ ފޮންޓެއް ނެރޭ ފުރަތަމަ ފަހަރެވެ.