ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

އާއިލާއާބެހޭ ގަވާއިދުގެ ދަށުން ދަރިންގެ ހަރަދަށް މިހާރު ކަނޑައަޅާފައިވާ އަދަދު ކުޑަކަމަށް ބުނެ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައާ ގުޅޭގޮތުން ބަހުސް ކުރުމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ، ދަރިންގެ ހަރަދު ނުދޭން ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ފިލަން ބޭރު ގައުމުތަކުގައި ކައިވެނިކުރާ މައްސަލަތަކާއި، ކައިވެނިތައް ކޯޓުގައި ރަޖިސްޓްރީ ނުކުރާ މައްސަލަ ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ ހާލަތްތަކެއް އެބަހުރި، އެއް އަންހެނެއް، ތިން ފިރިން އެބަތިބި،" މައުސޫމު ވިދާޅުވިއެވެ.

އެ ހާލަތު ދިމާވެފައިވަނީ ފުރަތަމަ ކައިވެނި ރައްޖޭން ބޭރުގައި ކުރުމަށްފަހު، އެ ކައިވެނި ރަޖިސްޓްރީ ނުކުރެވޭ ހާލަތުގައި، އެ ކައިވެނި ނެތް ކައިވެއްޏެއްގެ ގޮތުގައި ދޫކޮށްލުމަށްފަހު، އެމީހުން އަމިއްލައަށް އިތުރު ކައިވެންޏެއް ރާއްޖޭން ބޭރުގައި ކުރުމަށްފަހު، ދެވަނަ ކައިވެންޏަށްވެސް ގޮތެއް ކަނޑަނޭޅި ތިންވަނަ ކައިވެންޏެއް ކުރުން ކަމަށެވެ.

އެއީ ނުރައްކާތެރި ކަމެއް ކަމަށާއި، ނަސަބު އޮޅިގެން ހިނގައިދާނެ ކަމެއް ކަމަށްވެސް މައުސޫމު ފާހަގަކުރެއްވިއެވެެ.

އެކަން އެގޮތަށް ވިޔަނުދިނުމަށް އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުން ފެމިލީ ކޯޓުގެ ހުއްދަނެތި ރާއްޖޭން ބޭރުގައި ކައިވެނި ނުކުރެވޭގޮތަށް އޮތް ނަމަވެސް ރާއްޖޭން ބޭރުގައި ކައިވެނިކުރަނީ އުސޫލުތަކާ ހިލާފަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، އެއް އަންހެނެއްގެ ގިނަ ފިރިން ތިބެގެން މައްސަލަ ފެންމަތިވި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި، ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައެއްގެ ތެރެއިންވެސް އެފަދަ ކަމެއް ފެންމަތިވެފައިވާ ކަމަށެވެ.