ކުރިއަށް އޮތަ ރޯދަ މަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެނައި ފިޔާ، އަލުވި، ބިސް ބާޒާރަށް ނެރެފިއެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނިން އެތެރެކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ހިމެނުމުގެ ބޭނުމަކީ ރޯދަ މަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށެވެ.
އެގޮތުން އެ ކުންފުނިން ބިސް ކޭހެއް މި ވަގުތު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް 310 ރުފިޔާއަށް ވިއްކަން ހަމަޖައްސާފައިވާއިރު، ފިޔާ ބަސްތާއެއް މި ވަގުތު ވިއްކާނީ 310 ރުފިޔާއަށެވެ.
ބާޒާރުގައި މިއަދު ބިސް ކޭހެއް ލިބެން ހުރީ 360-400 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ފިޔާ ބަސްތާއެއްވެސް ލިބެން ހުރީ އެ އަގުގައެވެ. އަލުވި ބަސްތާއެއް ވިއްކަމުންދަނީ 360-380 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނީ، އެ ބާވަތްތައް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާ ހައުސްއިން އެ ތަކެތި ލިބޭނެ ކަމަށެވެ.
އެ ބާވަތްތައް ރީޓެއިލްކޮށް ވިއްކާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނެވެ. އެގޮތުން ބިހެން ވިއްކާނީ ދެ ރުފިޔާއަށެވެ. ފިޔާ ކިލޯއެއް 14 ރުފިޔާއަށް އަދި އަލުވި ކިލޯއެއް ވިއްކާނީ 18 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނީ، އެ ބާވަތްތަކުގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްގެން ކަމަށާއި އެހެންކަމުން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލަކާ ގުޅިގެން އެ ކުންފުނިން ވިއްކާ އަގަށްވެސް ބަދަލު އަންނާނެ ކަމަށެވެ. އަދި އެކްސެޕްޝަނަލް ކޭސްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ސަރަހައްދެގައި ވިއްކާ އަގަށް ބަދަލު ގެންނާނެ ކަމަށާއި ނަމަވެސް އާންމު ހާލަތުގައި އެ ކުންފުނީގެ ހުރިހާ ރީޖަނަލް ސަރަހައްދަކުންވެސް އެ ބާވަތްތައް ލިބެން ހުންނާނީ އެއް އަގެއްގައި ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު