އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް މިއަދު ދެއްވައިފިއެވެ.
އާ ވަކީލުން ހުވާކުރުމަށް މިއަދު ބާ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދަ ޖަލްސާއެއްގައި އެ ހައިސިއްޔަތުން ދެން އެމަނިކުފާނު ނުފެނިދާނެ ކަމަށެވެ.
"އަޅުގަނޑުގެ އަޑު ވެސް މިހާރު މި ހުރީ ވަރަށް މަޑުކޮށް. އެކަމަށް މާފަށް ވެސް އެދެން. އަޅުގަނޑު ފުރަތަމަ ވެސް ދަންނަވާލާނީ އަޅުގަނޑަކީ މިހާރު ވަރަށް ދުވަސްވީ މީހެކޭ. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާތާ 32 އަހަރުވެފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެންމެ ފުރަތަމަ އެ ދާއިރާއިން ނުކުންނެވި އިރާ މިހާރު ކަންކަން އޮތް ގޮތް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އަދި އެ މަނިކުފާނު ވަކީލުކަން ކުރަން ނުކުންނެވި އިރު، އޭރު އިސްކޮށް ތިއްބެވި ބޭފުޅުން ވަރަށް އަގުހުރި ނަސޭހަތް ދެއްވި ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ފަށައިގެންއިރު، މުހިންމު ކަމަކަން އޭރު ތިއްބެވި ވަކީލުން ދެއްވާ ނަސޭހަތަކީ ސިއްރު ހިފަހައްޓައްޗޭ، ވަކީލުން ވަކީލުކަން ކުރާއިރު، ސިއްރު ހިފަހައްޓައްޗޭ،" އާ ވަކީލުންނަށް ނަސޭހަތް ދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް މިދިޔަ އަހަރު ވެސް ފެތުރުނެވެ. ނަމަވެސް އެފަދަ އިޝާރާތެއް އަމިއްލަފުޅަށް ކުރައްވާފައި މިވަނީ ސިއްހީ ހާލުކޮޅު ގޯސްވެގެން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާވެސް ދީފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު