ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ވަގުތަށްވުރެ، ވަގުތު އިތުރުކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލިސް ގަވާއިދުގައި ބުނަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވޭނީ، ދެ ގަޑިއިރަށް ކަމަށެވެ.

އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައެޅުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މިހާރު އަމަލު ކުރަމުން އަންނަ އުސޫލަކީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރަން އޮންނަ ދެ ގަޑިއިރުގެ ތެރެއިން، މައްސަލައާ ބެހޭގޮތުން ބަހުސްކުރަން ޕާޓީތަކަށް ދޮޅުގަޑިއިރުގެ ވަގުތު ދިނުމަށްފަހު، ޖަވާބުދާރީވާން ބައި ގަޑިއިރުގެ ފުރުސަތެއް ވަޒީރަށް ދޭގޮތަށް ކަމަށެވެ.

ނަމަވެސް މި މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު އާއި އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ވިދާޅުވީ، އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގިނަ ތުހުމަތުތަކެއް ހިމެނޭތީ، އެ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށްޓަކައި މައްސަލައަށް ޖަވާބުދާރީވާން ގިނަ ވަގުތުތަކެއް މިނިސްޓަރަށް ދޭން ޖެހޭނެ ކަަމަށެވެ.

މި މައްސަލައިގަ ބަހުސަށްވުރެ ޖަވާބުދާރީވުމަށް ދޭންޖެހޭ ވަގުތު އިތުރުވާންޖެހޭ ކަަމަށް ވިދާޅުވެ، 30 މިނެޓް އިތުރުކޮށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހެޅުއްވީ، ޖަވާބުދާރީވާން ވަޒީރަށް އެއް ގަޑިއިރު އަދި މައްސަލައަށް ބަހުސްކުރަން ބައިގަޑިއިރުގެ ފުރުސަތު ޕާޓީތަކުގެ މެންބަރުންނަށް ދިނުމަށެވެ.

ނަމަވެސް އެ ހުށަހެޅުމާ ބެހޭގޮތުން އިދިކޮޅު އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ، އަބްދުއްސައްތާރު ހުށަހެޅުއްވި ގޮތުން، ވަޒީރަށް ވަގުތު އިތުރުވެ، މަޖިލީހުހައި ހިމެނޭ ހުރިހާ މެންބަރުންނަށް ލިބޭ ވަގުތުން ބައިގަޑިއިރު ކެނޑިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތުމުން ހުށަހެޅުން ފާސްވާނީ ޕީއެންސީ އެދޭގޮތަށް ކަން ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަބްދުއްސައްތާރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ.

އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.