އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް ސިނާން އަލީ އައްޔަނުކޮށްފިއެވެ.

ސިނާން އެ މަގާމަށް އައްޔަން ކުރިތާ ހަފުތާއެއް ވެފައިވާ އިރު، އެ މަގާމަށް އައްޔަނު ކުރުމާ ހަމައަށް އޭނާ ހުންނެވީ އެމްޓީސީސީގެ ބޯޑު މެންބަރުކަމުގައެވެ. ސިނާން، އެމްޓީސީސީގެ ބޯޑުގައި ހުންނެވީ 2019 ވަނަ އަހަރުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިނާން ވަނީ މީގެ ކުރިން ވެސް އެމްޓީސީސީގެ ބޯޑު މެންބަރުކަން ކުރައްވައިފައެވެ. އެއީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 އިން 2016 އަށެވެ. އޭގެ ފަހުން އޭނާ ވަނީ ސްޓެލްކޯގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވައިފައެވެ.

ސިނާން ވަނީ 2016 އިން 2018 އަށް އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

އިނގިރޭސި ވިލާތުގެ އެންޖެލާ ރަސްކިން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ ސިނާން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ހިދުމަތް ކުރައްވައިފައެވެ.

ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ސިނާން ނޫސްވެރިކަން ފެއްޓެވީ، ދުވަހު ނޫސް މިއަދު އިން 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން ހުވާސް އަދި ޖަޒީރާ ޑެއިލީގައި ކޮލަމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ހަވީރު ނޫހުގައިވެސް މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން 2008 އިން 2018 އަށް އޭނާ ވަނީ ސަން މީޑިއާ ގްރޫޕުގެ ސީއީއޯގެ މަގާމު ފުރުއްވައިފައެވެ.

ސިނާން އަކީ "ވަން އޮންލައިން" ގެ ސީއީއޯއެވެ.