ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސަލްޓަންޕާކު މަރާމާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ މައުލޫމާތު މިހަފުތާގެ އަންގާރަ ދުވަހުގެ ހެނދުނު 9:00ގައި ހ. ހުޅުގަލި، އެއްވަނަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލުގެ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ދިއުމުން ލިބޭނެ ކަމަށެވެ.

ބީލަމުގެ އަގު ހުށަހެޅުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00ގައި އެ ކައުންސިލުގެ އެޑްމިން ސެކްޝަން، މީޓިން ރޫމްގައެވެ. އަގު ހުށަހެޅުމަށް ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ އެތަން މަރާމާތު ކުރަން ފެށުމަށް ފަހު ހުޅުވާނީ، އެތަނުގައި މިހާރު ކުޑަކުދިން ބޭނުންކުރަމުންދާ ކުޅޭ ސަރަހައްދަކީ އެކުދިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. އަދި ސަލްޓަން ޕާކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މި އިއުލާންކުރީ، ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެ ތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް އެގޮތަށް ވިދާޅުވުމުން މާލޭ ސިޓީ ކައުންސިލުން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ސަލްޓަން ޕާކަކީ އެތަން ހުޅުވިފަހުން އެއްވެސް މަރަމާތުކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އެ ޕާކުގައި ހުރި އިމާރަތްތަކާއި ވަސީލަތްތައް މިހާރު ވަނީ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ބުނީ ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ކަމަށެވެ. ކޮންޓްރެކްޓަރު އަންނަ ހަފުތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެކަން އަންގާފައިވާ ކަމަށެވެ.

ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނަވައިގެން ތަރައްގީކޮށް ހުޅުވި ދެތަނެވެ. އެގޮތުން ރަސްފަންނު ހުޅުވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.