ކ. އަތޮޅު ފަޅެއްގައި ފްލޯޓިން ސޯލާ ޕެނަލްތަކެއް ހަދައިގެން ތަރައްގީކުރާ ސޯލާ މަޝްރޫއުއަށް ޑިވެލޮޕްމަންޓް ހުއްދަ ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއުއަށް އިނީޝިއަލް ހުއްދަ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕަރޭޝަން ނަމަކަށް ކިޔާ ކުންފުންޏަށް ދިނީ 24 އޭޕްރިލް 2024ގައެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ހުޅުމާލެއާ ހަތަރު ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްގައި މި މަޝްރޫއު ހިންގަން އަބްރަކްޒަސްއަށް ހުއްދަ ދިނީ އިންޑަސްޓްރިއަލް ހަބަކާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ މަސައްކަތް ވެސް ކުރެވޭ ގޮތަށެވެ.
އެގޮތުން ގާތްގަނޑަކަށް 187 މިލިއަން ޑޮލަރު އިންވެސްޓްކުރާ އެ މަޝްރޫއުގެ ދަށުން 100 މިލިއަން ޑޮލަރު އިންވެސްޓުކުރަނީ ސޯލާ ހަކަތައިގެ ނިޒާމަށެވެ. ބާކީ 87 މިލިއަން ޑޮލަރަކީ އެ ކުންފުންޏަށް ހުއްދަ ދީފައިވާ ރިއަލް އެސްޓޭޓާއި ސިނާއީ ސަރަހައްދަށް އިންވެސްޓުކުރާ ފައިސާ ކަމަށްވެސް ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި އެ މަޝްރޫއުގެ ތެރެއިން 150 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ، އެ މަޝްރޫއުގެ ތެރެއިން ތަރައްގީކުރާނީ 100 މެގަވޮޓުގެ ކަރަންޓު އުފެއްދާ ނިޒާމެއް ކަމަށެވެ.
އަދި މަޝްރޫއު އާއެކު ކަރަންޓު އުފައްދާ ތެލަށް ކުރާ ހޭދައިން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެބްރަކްޒަސްއާ ހަވާލާދީ އިކޮނޮމިކް މިނިސްޓްރީން ބުނީ, މި އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި 2027 ވަނަ އަހަރުގައި އޮޕަރޭޝަނަލައިޒް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
އެސްއީޒެޑްގެ ތެރެއިން މި މަޝްރޫއުއަށް ޑިވެލޮޕްމަންޓް ހުއްދަ ދޫކުރި އިރު، 2028 ވަނަ ޢަހަރާ ހަމައަަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒު ވެވަޑައިގަންނަވައިފައިވާ ވައުދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު