ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ޗައިނާގައި ދިވެހީންނަށް މިހާރު ޕާޓްނާޝިޕް ވިޔަފާރިތައް ހިންގޭނެ ކަމަށާއި ހޮޓެލް ހެދުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހަވީރު ރަށު އެކްސްޕޯ 2025 ހުޅުއްވައިދެއްވުމުގެ ކުރިން ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ސައީދު ވިދާޅުވީ ދިވެހި ގެސްޓްހައުސް ވިޔަފާރިތަކަކީ މިހާރު ވަކި ބްރޭންޑުތަކެއް ކަމަށާއި ހާއްސަކޮށް ކުދި ބްރޭންޑުތަކަކީވެސް ވަކި ބްރޭންޑުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.
"މުސްތަގުބަލުގައި ސަރުކާރުން މިއޮތީ އެންމެ ފަހިކޮށްދީފައި އެންމެ ބޮޑު އިކޮނޮމީއާ އެއްކޮށް އިންޓަގްރޭޑު ވުމުގެ ޗާންސެއް. އޭގެ ތެރެއިން ޕާޓްނާޝިޕް ވިޔަފާރިތައް ޗައިނާގައި ދިވެހި ވިޔަފާރިތަކަށް އޮޕަރޭޓްކުރެވޭނެ އިންތިޒާމުތައް. ހޮޓެލް އެޅުމާއި މަރާމާތުކުރުމާއި އަދި އޮޕަރޭޓް ކުރުމަށް ދާންދެން އެ އޮތީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާގައި އެކި ކުންފުނިތައް ހަދައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ފަތުރުވެރިން ފޮނުވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް އޮތީ ފަހިވެފައި ކަމަށެވެ.
ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ކުރިއެރުމަށް އަލިއަޅުއްވައިލައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގިނަ މާކެޓް އިންވެސްޓަރުން ހޯދުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއްކޮށް، ގެސްޓްހައުސް އިމާރާތްކުރުމާއި އެކަމަށް ބޭނުންވާ ސާމާނު ޗައިނާއިން ގެންނަން ޑިއުޓީއެއް ނުނަގާނެ ކަމަށެވެ.
"ޗައިނާ މޯލްޑިވްސް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މި ދެންނެވި ފަސް ޕަސެންޓާއި ދިހަ ޕަސެންޓުގެ ޑިއުޓީތައް އެއްކޮށް މިހާރު ވާނީ ސުން ޕަސެންޓަށް ގެނެސްފައި. ވަރަށް ބޮޑު އެއްޗެއް ލުއިވެގެންދާނެ ގެސްޓްހައުސް ވިޔަފާރިތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ތުރުކީއާއެކު އޮތް ވިޔަފާރީގެ އެއްބަސްވުމަށް އަމަލީ ސިފައެއް އައުމުން ކޮންސްޓްރަކްޝަން ސާމާނާއި ފަރުނީޗަރު ފިޓިންގެ ސާމާނުތަކުން ނަގާ ޑިއުޓީވެސް ސުން ޕަސެންޓުގައި ރާއްޖެއަށް، މަހެއް ނުވަތަ ދެ މަހެއް ތެރޭ އެތެރެކުރެވޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު