ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާ ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަރު ޑރ. މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ އާއިލީ ލޯތްބާ އެކު ބޮޑުވާ ކުދިންނަށް ހެދުމަކީ އަމާޒެއް ކަމަށާއި އެގޮތުން، މިހާތަނަށް 67 ކުއްޖަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"މިހާހިސާބަށް 67 ކުއްޖެއް އާއިލަތަކާ ހަވާލު ކުރެވިއްޖެ. އޭގެތެރޭގައި އަމިއްލަ އާއިލާތައް ކަމުގައިވިޔަސް ނުވަތަ ތިމާގެ ފަރާތްތަކެއް ކަމަށް ވިޔަސް ނުވަތަ އަޅުގަނޑުމެން މި ކިޔާ ފޮސްޓާ ކުރުމުގެ ތެރެއިން ވިޔަސް ވަނީ ހަވާލުކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިތުރު 35 ފަރާތަކުން ވެސް ކުދިންނާ ހަވާލުވާން އެދިފައިވާ ކަމަށާއި އެ ޕްރޮސެސް ވެސް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ފޮސްޓާ ކުރުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި ކުދިންނާ ހަވާލުވާ އާއިލާތަކުން ވެސް އެ ކުދިން ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އަދަދު ވެސް މަދު ކަމަށެވެ. އެގޮތުން 2022 އާ އަޅައި ބަލާއިރު މިދިޔަ އަހަރު، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި ކުދިންގެ އަދަދު 23 ޕަސަންޓު ދަށް ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެދަށުގައި މިހާރު ތިބީ 139 ކުދިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު