ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

އެހެންކަމުން މަޖިލީހުގެ މި ހިނގާ ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލަން ވެސް ފާސްކޮށްފައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރު މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު (ބޮޗޭ) މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި މި އިސްލާހުތަކެކެވެ.

ރިފާއު އިސްލާހު ހުށަހަޅުއްވާފައިވަނީ މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާއަށެވެ.

އެ މާއްދާގައި މިހާރު އޮންނަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެއަށްފަހު އެ އަހަރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ދިއުމަށެވެ.

ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ބަދަލު ކުރުމަށެވެ. އަދި ދެވަނަ ދައުރު އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަދަލު ކުރުމަށެވެ. މީގެ އިތުރުން ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް، ކުރިއަށް ގެންދިއުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށެވެ.

މި އިސްލާހަށް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ ދެކޮޅު ހައްދަވައިފައެވެ.