ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) އާ ގުޅިގެން ކުރެވޭ ކޮރަޕްޝަން ތުހުމަތުތަކާ ގުޅޭ މައްސަލައިގެ ބައެއް ލިޔެކިޔުންތައް ނެތުމުން، އެ ޕްރޮޖެކްޓް ބިޑް ކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންތައް ހިނގައިދިޔަގޮތް ސާފުވާން ނެތް ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ނިޔާޒީ މިހެން ވިދާޅުވީ، ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކޮށްފައި ހުރި ފުލުހުންގެ ފްލެޓް އިމާރާތް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެެރެއިން އޮޑިޓާ ޖެނެރަލް އެ ކޮމިޓީއަށް ހާޒިރުކޮށް، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯއިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި ފުލުހުންގެ ފްލެޓް އިމާރާތް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ޕޮލްކޯގައި ނެތް ކަމަށް އޮޑިޓް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.

ނިޔާޒީ ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތް ބެލުމަށް އޮޑިޓް އޮފީހުން މަސައްކަތްކުރި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މެނޭޖްމަންޓާ ބައްދަލުކުރި ކަމަށާއި، އެ މަޝްރޫއަކީ 2013 ގައި ފެށި މަޝްރޫއެއްކަމަށް ބުނެ، އެކަމާބެހޭ ބައެއް ލިޔެކިޔުންތައް ނެތްކަމަށާއި، ޕޮލްކޯގެ ސާވާގައި މައްސަލަ ޖެހުމުގެ ސަބަބުން ލިޔެކިޔުންތައް ފެންނާން ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

"ޕޮލްކޯގެ މެނޭޖްމަންޓާ ބައްދަލު ކުރުމުން އެ ބޭފުޅުން ވިދާޅުވީ ލިޔުންތަކެއް އެބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް، ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން،" ނިޔާޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ފަރަތުން އެ މައުލޫމާތު ނުލިބުމުން އެކަމުގެ ލިޔުންތައް ގެޒެޓުން ބެލުމަށް ވެސް މަސައްކަތްކުރި ކަމަށާއި އެކަމަކު ގެޒެޓްގައި ވެސް އެ މައުލޫމާތު ނެތް ކަމަށެވެ. އެހެންވެ، އެކަން ގޮސްފައި އޮތް ގޮތް ސާފު ނުވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓް އާންމުކުރިފަހުން ޕޮލްކޯ އިން އެކަމާ ގުޅޭ ބައެއް ސިޓީތައް ފޮނުވި ނަމަވެސް އެ ރިޕޯޓު ނެރުމާ ހަމައަށް ވެސް، އެ މަޝްރޫއަށް ބިޑުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތެއް އެނގޭ ގޮތް ނުވި ކަމަށެވެ.

ނިޔާޒީ ވިދާޅުވީ އެ މައްސަލަ އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރެއްވީ ވެސް އެކަމަކީ ތަހުގީގީ އިދާރާތަކުން އިތުރަށް ބަލަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކަށް މިހާތަނަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.