ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ މެރިން އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މެރިން އެކްސްޕޯގައި އެލައިޑުގެ އޮތީ މުޅިން އެހެން މަގުސަދެކެވެ. އެ ޕްލެޓްފޯމް އެލައިޑުން މި ފަހަރު ބޭނުންކުރަމުން އަންނަނީ ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތަކާމެދު ހޭލުންތެރި ކުރުވުމަށެވެ.

އެގޮތުން މެރިން އެކްސްޕޯގައި އެލައިޑުން ދައްކާލަން ބަހައްޓާފައިވާ ބޮޑުމަހަކީ ތަފާތު މަހެކެވެ. އެ މަހަށް ބޮޑު ސަމާލުކަމެއްވެސް އަންނަނީ ލިބެމުންނެވެ. ބޮޑުމަހުގެ ތަފާތުކަމާއެކު އެއިން މުހިންމު މެސެޖެއްވެސް ދެއެވެ.

"ރިޑިއުސިން ޕްލާސްޓިކް ވޭސްޓް، ޕްރޮމޯޓިން އޯޝަން ކޮންޒަވޭޝަން" މި ޝިއާރުގެ ދަށުން ހަދާފައިވާ އެ ބޮޑުމަހަކީ ޕްލާސްޓިކާއި އެހެނިހެން ރީކްލެއިމްޑް ތަކެތިން ތައްޔާރުކޮށްފައިވާ ސްކަލްޕްޗާއެކެވެ. އެއަށް ބޭނުންކޮށްފައިވަނީ އެލައިޑްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކ. ހިންމަފުށީގައި ބޭއްވި ކިކްއޯފް އިވެންޓްގައި ކުރިއަށް ގެންދިޔަ 'ޑައިވް 40' ގެ ތެރެއިން ރަށާއި ފަޅުތެރެ ސާފުކޮށް ކުނީގެ ގޮތުގައި ނެގި ޕްލާސްޓިކާއި ރަބަރާއި ދަގަނޑު ފަދަ ތަކެއްޗެވެ.

ރާއްޖޭގެ ހުނަރުވެރި އާޓިސްޓުން ކަމަށްވާ ސޮބާ އަދި ހުސެއިން ހިމެނޭހެން، ޓޮކްސީ-ކްރޫއާ ގުޅިގެން އެލައިޑުން ހަދާފައިވާ އެ ސްކަލްޕްޗާގެ މަގުސަދަކީ މެރިން އެކްސްޕޯ މެދުވެރިކޮށް އެކްސްޕޯގެ ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދިނުން ކަމަށް އެލައިޑުން ބުނެއެވެ.

މެރިން އެކްސްޕޯގައި އެލައިޑުން އަންނަނީ ތިމާވެށި ރައްކާތެރިކުރުމަށް ބާރުއަޅާ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ރިސައިކަލްއަށް ހޭލުންތެރިކުރުމަށް ވެސް ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަދާއި މާދަމާ ހަވީރު 4 އިން 6 އަށް ރީކްލެއިމްޑް ވޭލް ކުރިމަތީގައި އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.