އޮސްޓްރޭލިއާގެ ގެއެއްގެ ބަގީޗާއަކުން 102 ހަރުފަ ފެނިއްޖެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ ގެއެއްގެ ތެރެއިން މި ހަރުފަތައް ފެނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަރުފަތައް ފެނުނު ގޭގެ ވެރިފަރާތް ކަމަށްވާ ޑޭވިޑް ސްޓެއިން ވަނީ އޭނާއަށް ހަރުފަތައް ފުރަތަމަ ފެނިފައިވަނީ އެގޭގެ ފުރަގަހުގައި އޮންނަ ބަގީޗާއެއްގެ ތެރެއިން ކަމަށާއި ފުރަތަމަ ދެތިން ހަރުފަ ފެނުނު ނަމަވެސް ފަހުން ގިނަވާން ފެށިކަން ފާހަގަކޮށްފައެވެ.

ޑޭވިޑް ބުނެފައިވާގޮތުގައި މި ހަރުފަތައް ވަނީ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއްގެ އެހީގައި އަތުލައިގަނެފައެވެ. ޖުމުލަ 102 ހަރުފަ އަތުލައިގަނެވިފައިވާއިރު އޭގެތެރޭގައި ހިމެނެނީ ބޮޑު ފަސް ހަރުފައާއި ކުދި 97 ހަރުފަ ކަމަށް ޑޭވިޑް އާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ޑޭވިޑްގެ ގެއިން ފެނުނު ހަރުފަތަކަކީ ވިހަ ގަދަ ހަރުފަތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބަގީޗާގައި މިހާ ގިނަ ހަރުފަ އާލާވީ، އެ ތަނުގެ މާހައުލު ހަރުފަ ބިސް އަޅައި، ބިސް ފީކޮށް ވިހެއުމަށް ކަމުދިއުމުގެ ސަބަބުން ކަމަށްވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.