ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ލައިވްބްލޮގަށް "ވަން" ކިޔުންތެރީންނަށް މަރުހަބާ!
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.
މި ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެވެ. ރިޔާސަތު ބަލަހައްޓަވާނީ ވެސް އަބްދުއްރަހީމެވެ.
ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތަކެއް މިދުވަސްވަރު ވަނީ ގަދަވެފައެވެ. އެ ވާހަކަތައް ދެކެވެން ފެށީ އަބްދުއްރަހީމުގެ ދަރިފުޅު، އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެންނެވެ.
ފައިސަލް، މަގާމުން ވަކިކުރެއްވުމާ ގުޅިގެން އަބްދުއްރަހީމް އޮންލައިން މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އޭނާއާއި ރައީސް މުއިއްޒާ ދެމެދު ކުރިން އޮތް އިތުބާރާއި ގުޅުން އޮތްނަމަ ފައިސަލް މަގާމުން ވަކި ނުކުރައްވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާ ބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެ ޖަލްސާ ނިންމަވައިލައްވާނެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް، އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންވާނެއެވެ.
ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ތައްޔާރުކޮށް މަޖިލިސް ޖަލްސާއެއްގައި އިއްވަންވާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.
މިދިޔަ އަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު