ރޯދައަށް ގެ ސާފުކުރާއިރު މަގުތަކަށް ކުނި ނާޅަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމަށާއި އެފަދަ ކުނި ރަށްރަށާއި ސިޓީތަކުގެ މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އީޕީއޭއިން ބުނީ، މި ފަހަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރަފައި ހުންނަކަން ފާހަގަވެފައިވާ ކަމަށާއި އެކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
"އެހެންވެ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ. އަދި ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުގައި ނަމަ އެ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކާއި އަދި ސިޓީތަކުގައި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަނާއި ގުޅައިގެން ހަމަޖެއްސެވުމަށް ދަންނަވަމެވެ." އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ބުނީ، ތިމާވެށި ތަގައްޔަރުވާ ނުވަތަ ތަގައްޔަރު ވެދާނެ ގޮތަކަށް އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު