ތައިލެންޑާއި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދުން އަސާސީ ހިދުމަތްތައް ކަނޑާލަން ނިންމައިފިއެވެ. ރިޕޯޓުތައް ބުނާގޮތުގައި، މި ނިންމުން އައީ ސްކޭމްތައް ގިނަވެ، އެކަން ހުއްޓުވުމަށް ކުރާ މަސައްކަތެއްގެ ގޮތުންނެވެ.

ތައިލެންޑުގެ ޑެޕިއުޓީ ބޮޑުވަޒީރު ޕުމްތަމް ވެޗަޔަޗީ ވަނީ އެ ގައުމުން ސްކޭމްތަކާ ދެކޮޅަށް އަޅާ ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި މި ނިންމުން ފާހަގަކުރައްވައިފައެވެ.

ތައިލެންޑުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ބޮޑުވަޒީރު ޕުމްތަމް ވެޗަޔަޗީ އިއްޔެ ވަނީ ކަނޑާލުމަށް ނިންމާފައިވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ކަރަންޓާއި ފެނުގެ އިތުރުން ތެލުގެ ހިދުމަތްތަކާއި އިންޓަނެޓް ވެސް ހިމެނޭނެ ކަމަށް ފާހަގަކުރައްވައިފައެވެ.

ތައިލެންޑުގެ އޮފިޝަލުން ވަނީ އެ ގައުމުގައި ސްކޭމްތައް އާންމުވެ އެކަން ކުރާ މީހުން ތަފާތު އެކި ކަހަލަ އުކުޅުތައް ބޭނުންކުރާކަމަށާއި މިހާތަނަށް އެންމެ ގިނައިން ސްކޭމް ހަރަކާތްތައް ފާހަގަވެފައިވަނީ މިޔަންމާ އާއި ތައިލެންޑު ހިމެނޭ ބޯޑަރު ސަރަހައްދުގައި ކަމަށް ބުނެފައެވެ.