ށ. ފަރުކޮޅުން ގަވައިދާ ހިލާފަށް ވެލިނަގަމުންދާ މައްސަލަ ބަލަންފަށައިފި ކަމަށް މިލަދުންމަޑުލު އުތުރުބުރި ކައުންސިލު (ށ. އަތޮޅު)ގެ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމުގައިވާ ފަރުކޮޅުގެ ގޮނޑުދޮށުންނާއި ތުނޑިން އަދި ފަޅުތެރެއިން އުދެއްޔާއި ފަކިރާ ފަދަ ތަކެތިން ވެލި ނެގުމުގެ އިތުރުން ޕަންޕު ބޭނުންކޮށްގެން އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ވެލި ނަގަމުންދާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު އެންވައިރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ވަނީ އެ ކައުންސިލަށް އަންގާފައި ކަމަށެވެ.
ށ. ފަރުކޮޅަކީ ރާއްޖޭގެ ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ނަންބަރު: (IUL)438-ENV/438/02018/262 އިއުލާނުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލުކުރަމުންދާނީ ނަންބަރު 2018/R-78 (ގުދުރަތީ ނުވަތަ ތަބީއީގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އާ އެއްގޮތްވާގޮތުގެ މަތީންނެވެ.
ފަރުކޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުން ވެލިނެގުމަކީ (ވިޔަފާރި އުސޫލުންނާއި އަމިއްލަ ބޭނުންތަކަށް) އެ ސަރަހައްދު ހިމާޔަތްކުރުމަށް ކޮށްފައިވާ އިއުލާނުގައި ކުރުން މަނާކަންކަމުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަމެކެވެ. އޭގެ އިތުރުން ގަވާއިދު ނަންބަރު 2018/R-78 (ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު)އާ ހިލާފުކަމެކެވެ. އަދި މިސަރަހައްދު ހިމާޔަތްކުރުމުގެ މަގުސަދު ހާސިލުކުރުމަށް އެޅިގެންދާ ހުރަހެކެވެ.
އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލިނެގުމަށް އަތޮޅުގެ ކޮންމެ ދާއިރާއަކަށްވެސް ވަކި ސަރަހައްދުތަކެއް އީޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އަދި އެ ސަރަހައްދު ތަކުންވެސް މެޝިނަރީގެ ބޭނުންކޮށްގެން ވެލިނެގުން ހުއްދަ ކުރެވިފައެއް ނުވެއެވެ.
ފަރުކޮޅު ސަރަހައްދަކީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ފުރިހަމަކަމުގެ އިތުރުން އެތައް ސަބަބުތަކަށް ޓަކައި ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ. ވީމާ އެފަދަ ސަރަހައްދުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނާން އޮތް ޖީލުތަކަށް އެތަންތަން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ހުރިހައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ކަމާއިބެހޭ މުވައްސަސާތަކަށް ބޭނުންވާ ކަމަށް ށ. އަތޮޅު ކައުންސިލުން ބުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު