ކޮންޓެއިނަރެއްގައި ބައި ޓަނުގެ މިޔަރު މަހާއި މަޑިމަސް ބޭރުން ކުރަން އުޅުނު ކަމެއް ނޭނގޭ ކަމަށް މަޝްހޫރު ޑައިރެކްޓާ އަދި ޕްރޮޑިއުސަރު ފާތިމަލު ނަހުލާ ބުނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ބުނެފައިވަނީ ރާއްޖެއިން ވަގަށް ބޭރު ކުރަން އުޅުނު ބައި ޓަނުގެ މިޔަރު މަހާއި މަޑިމަސް ހިފަހައްޓައި، އެތަކެތި ނައްތާލައިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏަކުން ބޭރުކުރަން އުޅުނު ތަކެތި ކަމެއް އޭރު ކަސްޓަމުން ހާމައެއް ނުކުރެއެވެ.

އެފަހުން އިއްޔެ ކަސްޓަމުން ބުނީ އެއީ ދަ ކްރިސްޓަލް ކޮމްޕެނީގެ ކޮންޓެއިނަރެއްގައި ބޭރުކުރަން އުޅުނު ތަކެތި ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެ ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ ނަހުލާ އަދި އޭނާގެ ފިރިމީހާ ހުސައިން ސިނާން ނަމުގައެވެ.

މިޔަރާއި މަޑިމަސް ބޭރުކުރަން އުޅުނު މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ނަހުލާ ފޭސްބުކުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ކަސްޓަމުން އެ ކޮންޓެއިނަރު ހިފަހައްޓައިފައިވަނީ މިޔަރު ބޭރުކުރަން އުޅެނިކޮށް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ކަސްޓަމުންނާއި ބައެއް މީޑިއާތަކުން ހާމަކޮށްފައިވަނީ ނުބައި މައުލޫމާތުތަކެއް ކަމަށް ނަހުލާ ބުންޏެވެ.

"އަދި މީގައި މިޔަރު ނުވަތަ މަޑިމަސް ހުރިކަން އެނގޭނަމަ އަޅުގަނޑުމެން ގަސްތުގައި މި ރީއެކްސްޕޯޓެއް ނުކުރާނެކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ..،" ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ ދަ ކްރިސްޓަލް ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ސްރި ލަންކާއަށް ހިކިމަހާއި ލޮނުމަސް ބޭރުކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ދަނީ އަތޮޅުތަކުގައި ވެސް އެ މަސައްކަތްކުރަމުން ކަމަށާއި އަތޮޅު ތެރޭގައި އެ މަސައްކަތްކުރާ ގިނަ ބަޔަކަށް އެހީވުމުގެ ގޮތުން އެޑްވާންސްކޮށް ފައިސާ ދައްކައިފައިވާނެ ކަމަށް ނަހުލާ ބުންޏެވެ.

"މި ސީ ފްރެއިޓް ޝިޕްމެންޓް ފުރަތަމަ ބޭރުކުރަން ކަނޑައެޅިފައިވަނީ 30 ސެޕްޓެމްބަރު ކަމަށްވާތީ ޝިޕްމެންޓް ރެޑީ ކުރުމަށްފަހު 24 ސެޕެޓެމްބަރުގައި އަޅުގަނޑުމެން ޗުއްޓީއަށް ފުރައިގެން ދިޔައީ. ޝިޕްމެންޓް ޕެކްކޮށް ހުރިހާ ކަމެއް ރެޑީކޮށް މޯލްޑިވްސް ޝްޓޭޓް ޝިޕިން (އެމްއެމްއެސް) ކޮންޓެއިނަރުގެ ސީލް ވެސް ކުރީ އަޅުގަނޑުމެންގެ ކޮމްޕެނީގެ ޒިންމާދާރު ވެރިއެއް ކަމަށްވާ އަޒްލީން ހަސަންއާ ހަވާލުކުރުމަށްފަހުގައެވެ..،" ނަހުލާ ބުންޏެވެ.

ނަމަވެސް އެމްއެމްއެސްއިން ކޮންޓެއިނަރު ހަމަޖައްސައި ކޮންޓެއިނަރުގެ ސީލް ވެސް ހަވާލުކުރުމަށްފަހު ވަނީ ހަނދާންނެތިގެން ކަމަށްބުނެ ކޮންޓެއިނަރު ނުލައި ބޯޓު ފުރުވާލައިފައި ކަމަށް ނަހުލާ ބުންޏެވެ. އެކަމުގެ ސަބަބުން ކްރިސްޓަލް ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ނަހުލާ ބުންޏެވެ. އަދި ލަންކާއަށް، އެކްސްޕޯޓް ކުރަން ތައްޔާރުކުރި މަހުން ބޮޑު ބައެއް ހަލާކުވެ އެހެން ބޯޓަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި ކޮންޓެއިނަރު އަލުން ބަރު ކުރަން ޖެހުނު ކަމަށް ނަހުލާ ބުންޏެވެ.

"އެއިރު އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި ކަމަށްވުމުން އަޒްލީންގެ ޒިންމާގެ ދަށުން ރާއްޖޭގެ ރައްޔިތުން އުފައްދާ ތަފާތު އެކި ބާވަތުގެ ލޮނުމަހާއި ހިކިމަސް ގަނެ، ކުންފުނީގެ މުވައްޒަފުން ލައްވައި ކޮންޓެއިނަރު ބަރުކޮށް އަލުން ބޭރު ކުރެވުނެ،" ނަހުލާ ބުންޏެވެ.

އެ ކޮންޓެއިނަރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ކަސްޓަމުން ނިންމައި ހުއްދަ ދިނުމުން، ކޮންޓެއިނަރު ލަންކާއަށް ފޮނުވާލާފައިވާނެ ކަމަށް ނަހުލާ ބުންޏެވެ. ނަމަވެސް ކޮންޓެއިނަރު ގެންދިޔަ ބޯޓު ލަންކާއަށް ދިއުން ލަސްވުމާ ގުޅިގެން މަހުގެ އަގު ވެއްޓުނު ކަމަށް ނަހުލާ ބުންޏެވެ.

ޝިޕްމެންޓް ލަސްވުމުގެ ސަބަބުން ލަންކާއިން މަސްގަތް ފަރާތާ ދެމެދު ވެފައިވާ އަގަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް ނަހުލާ ބުންޏެވެ. ފަހުން ހުށަހެޅި އަގަށް އެ ފަރާތުން އެއްބަސްނުވުމުގެ ސަބަބުން އިތުރަށް ބޮޑު ގެއްލުމެއް ލިބުނަސް ހެޔޮކަމަށް ނިންމައި އެ ކޮންޓެއިނަރު އަލުން މާލެއަށް ގެނެސްފައިވާނެ ކަމަށް ނަހުލާ ބުންޏެވެ. އެއީ ރީއެކްސްޕޯޓް ކުރި ކޮންޓެއިނަރެއް ކަމަށާއި ރާއްޖެއިން ބޭރުކުރަން އުޅުނު ކޮންޓެއިނަރެއް ނޫން ކަމަށް ނަހުލާ ބުންޏެވެ.

"ދަންނަވަން މި އުޅޭ ވާހަކައަކީ މިއީ އަޅުގަނޑުމެންގެ ކުންފުނިން ގަސްދުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މިކަން ހިނގިއިރު އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ ހުރީ ރާއްޖެއިން ބޭރުގައެވެ..،" ނަހުލާ ބުންޏެވެ.

އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަޒްލީނަށް ވެސް އެނގިގެން އެކަން ހިނގައިފައިނުވާ ކަމަށް ނަހުލާ ބުންޏެވެ. ނަމަވެސް އަޒްލީންގެ އިހުމާލު ވެސް އޮތް ކަމެއް ކަމަށް އޭނާ ވެސް ގަބޫލުކުރާ ކަމަށް ނަހުލާ ބުންޏެވެ.

އޭނާއާއި ފިރިމީހާ ސިނާންއަކީ އެފަދަ ކަމެއްގައި ބައިވެރިވާނެ ބައެއް ނޫންކަން އަޒްލީން ވެސް ގަބޫލުކުރާ ކަމަށް ނަހުލާ ބުންޏެވެ. ހިނގައިގެން މިއުޅޭ ކަމަކީ އަޒްލީނަށް ވެސް ނޭނގި ހިންގާފައިވާ ކަމެއް ކަމަށް ނަހުލާ ބުންޏެވެ.