ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް ހުރި ފަތުރުވެރިޔަކު ދިވެހީންގެ އޯގާތެރިކަން ފެނި އިސްލާމްވެއްޖެއެވެ.

އެންގޭޖްމަންޓް ފާހަގަކުރަން ލޯބިވެރިޔާއާއެކު ރާއްޖެ އައި އިޓަލީގެ އެ ފަތުރުވެރިޔާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ މީހުން ތިބީ ރަށެއްގެ ގެސްޓްހައުސްއެއްގައި ކަމަށާއި މޫސުން ގޯސް ދުވަހެއްގައި ފަރުމައްޗަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ލޯބިވެރިޔާގެ ފޯނު ގެއްލުނު ކަމަށެވެ.

ފެން ނުވަންނަ ކަވަރަކަށް ލާފައި އޮތް އެ ފޯނު ދެން ނުފެންނާނެ ކަމަށް ނިންމި ކަމަށާއި ނަމަވެސް އެ ފޯނަކީ އެ މީހުންގެ ވަރަށް ގިނަ ހަނދާންތަކެއް ހުރި ފޯނަކަށް ވުމާއި ބެކަޕެއްވެސް ނުނަގައި ހުރުމުން ލޯބިވެރިޔާ އެކަމާ ވަރަށް ދެރަވި ކަމަށް އެ މީހާ ބުންޏެވެ.

"ފޯނު ގެއްލުނު ވާހަކަ ލޯބިވެރިޔާ ބުނީ އެންމެ ދިވެއްސެއްގެ ގާތުގަ. އެއާއެކު އެ ދިވެހި މީހާ އޭނާގެ ރަހުމަތްތެރިންނާއެކު ފޯނު ހޯދަން އެތައް ގަޑިއިރެއް ވާންދެން ސްނޯކްލިންގައި އުޅުނު. އަހަރެމެން ބުނިން އެ ނުފެންނާނޭ. ވަރުބަލިވާން އެކަމާ ދެން ނޫޅުމަށް އެދުނިން. އެކަމަކު އެވަރުން ވެސް އެ މީހުން ދުލެއް ނުކުރި. އެތައް ގަޑިއރެއް ފަހުން އެ މީހުން އެ ފޯނު ހޯދި." މީގެ ކުރިން ހަ ފަހަރު ރާއްޖެ އައިސްފައިވާ އެ ފިރިހެން މީހާ ބުންޏެވެ.

"މިއީ ދިވެހީންގެ ހެޔޮކަން އަހަރެމެން ތަޖުރިބާކުރި އެއް ފަހަރު. ކަލޭމެން ތިހާ ހެވީ ތިއީ މުސްލިމުންނަށް ވީމަތަ؟ އެހެންވިއްޔާ އަހަރެން ވެސް ބޭނުން އިސްލާމްވާން،" ފަތުރުވެރިޔާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އޭގެ ފަހުން ގަޑިއިރުތަކެއް ފަހުން އޭނާ ކުރި އެހެން ޕޯސްޓެއްގައި ބުނީ، އޭނާގެ ޗުއްޓީގެ މުއްދަތު އިތުރުކޮށް މާލެ އައިސް ދިވެހި އިލްމުވެރިޔަކާ ބައްދަލުކޮށް، އިސްލާމް ދީނާ ގުޅޭ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. ދީނުގެ އެންމެ އާންމު ކަންކަމާއި ނަމާދު ކުރާނެ ގޮތާއި ޒަކާތް ދޭނެ ގޮތާއި ރޯދަ ހިފާނެ ގޮތުގެ ވީޑިއޯ ލިންކުތައް ވެސް އެ އިލްމުވެރިޔާ އޭނާއާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

"މިހާރު އަހަންނަކީ މުސްލިމެއް. އަހަރެން ޝަހާދަތް ކިޔައިފިން،" ފަތުރުވެރިޔާ ބުންޏެވެ.

އޭނާ ބުނީ، ލޯބިވެރިޔާ އިސްލާމް ދީން ގަބޫލުކޮށްފައި ނުވާ ކަމަށާއި އެއީ އޭނާއަށް މައްސަލައެއް ނޫން ކަމަށެވެ. އަދި އޭނާ މުސްލިމަކަށް ވީ މަޖުބޫރުން ނޫން ކަމަށާއި އެހެންކަމުން ލޯބިވެރިޔާވެސް މުސްލިމަކަށް ވާން މަޖުބޫރު ނުކުރާނެ ކަމަށް ބުންޏެވެ.