ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރެ، ގައުމަށް ހިދުމަތްކުރަން ފުރުސަތުދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ދާދިފަހުން މަގާމުން ވަކިކުރެއްވި އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ފައިސަލް މަގާމުން ވަކިކުރެއްވުމަށްފަހު، ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެވެ. ނަމަވެސް ފައިސަލް ވަކިކުރެއްވި ސަބަބެއް ސަރުކާރުން ނުބުނެއެވެ.

ފައިސަލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ރައީސް، ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވައި، ހިދުމަތްކުރަން އޭނާއަށް ފުރުސަތު ދެއްވިކަމީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

"ޖަނަވަރީ 28، 2025 ގައި މަގާމުން އަޅުގަނޑު ވަކިކުރުމާ ހަމައަށް، އެ މަނިކުފާނުގެ ސަރުކާރުގައި ވޭތުވެދިޔަ މުއްދަތުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތްކުރަން އަޅުގަނޑަށް ފުރުސަތު ދެއްވެވި ކަމީ އަޅުގަނޑު އަބަދުވެސް ފަހުރުވެރިވާނެ ކަމެކެވެ. އަދި މާތްﷲ އަށް ޝުކުރުވެރިވާ ކަމެކެވެ. ދިވެހި ގައުމަށާއި ދިވެހިރާއްޖޭގެ ޓޫރިޒަމަށް ހިދުމަތްކުރަން އަޅުގަނޑަށް ފުރުސަތުދެއްވި ކަމަށްޓަކައި އިހުލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރަމެވެ..،" ފައިސަލްގެ ބަޔާނުގައި ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާފައިވާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު، އޭނާގެ ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލިކަމެއް ނެތި ކަމަށާއި އެ މަސައްކަތްކުރައްވާފައިވާނީ ދުނިޔޭގެ ފަތުރުވެރިކަމަށް ބަލައިގެން ކަމަށެވެ. އަދި އެ މަސައްކަތްކުރައްވާފައިވާނީ ޓޫރިޒަމް އިންޑަސްޓްރީގެ އަޑު އަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ސަރުކާރާއެކު އަޅުގަނޑު ހިދުމަތްކުރި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް އެއްބާރުލުން ދީފައިވަނީ ނުހަނު ބޮޑަށެވެ. އެ ހުރިހާ ފަރާތަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ޝުކުރެވެ..،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދަން ޖެހޭކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިހާރު ދިވެހިން އަޅަންޖެހޭ ފިޔަވަޅުތަކަކީ ރައީސްގެ ސަރުކާރުގެ ވަރަށް ބޮޑު ޝުއުގުވެރިކަމެއް އޮތް ފިޔަވަޅުތަކެއް ކަމަށާއި އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓުކޮށް ޒުވާނުން ބާރުވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތްމައްޗަށް ގެނައުން ކަމަށެވެ.

ކުޑަ އިންޓަރެސްޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ދިމަދިމާއަށް ލުއިތައް ހޯދައިދީ ކަނެކްޓިވިޓީ އިތުރުކުރަން ޖެހޭ ކަމަށާއި ލ. ހުޅިމެންދޫގައި ތަރައްގީކުރަން ނިންމާފައިވާ ޓޫރިޒަމް ޓްރެއިނިން ސްކޫލު އުފެދި ތަރައްގީވާން ޖެހޭ ކަމަށެވެ. އަދި ޒަމާންވެ، ނުހެދި ސިމެންތިއަށް ވެފައިވާ ރަށްތަކުގެ ވެރިންނާ ވާހަކަދައްކައި، މާކެޓަށް ނެރެވޭނެ ގޮތް ހޯދައިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓޫރިޒަމަކީ ރާއްޖޭގެ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އިންޑަސްޓްރީއެވެ. އެ އިންޑަސްޓްރީ ފުޅާކޮށް، ޒަމާނީ ކުރުމާއެކު މާކެޓުކޮށް އެކްސްޕްލޯކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދީފައި އޮންނަ ބެޓު 25 މިލިއަނާއި 50 މިލިއަން ޑޮލަރުގެ އަދަދަކަށް ބަދަލުވާން ޖެހެއެވެ. އެކަން ބަދަލުވެ، އެ ބަޖެޓު ބޮޑުވާން ޖެހެއެވެ..،" އޭނާ ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ދިވެހި ގައުމަށް ހިދުމަތްކުރުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ދެކޭ އެންމެ ބޮޑު ހުވަފެން ކަމަށެވެ. އަދި ދިވެހި ގައުމާއި ރާއްޖޭގެ ޓޫރިޒަމަށް ފެހިކަމާއި އާރޯކަން ލިބިލިބި ހުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރުކަމުގެ މަގާމުން ފައިސަލް ވަކިކުރެއްވުމުން، އޭނާގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. މިދިޔަ އަންގާރަ ދުވަހު "ދައުރު" ނޫހަށް، އަބްދުއްރަހީމް ވިދާޅުވެފައިވަނީ، އޭނަ ވަކިކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ވަރަށް ދެރަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަމެއް ކަމަށެވެ. އަދި ފައިސަލް ދެން ސަރުކާރާއެކު ނުހުންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ އޭނާގެ ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި ފައިސަލް، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ނަތީޖާ ނެރެދެއްވައިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން. ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު. ނަތީޖާނެރެ ދެއްކެވި. ދާއިރާގެ އިތުބާރާއި ލޯބި ހޯދި. މާތްﷲ ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވައި އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ފައިސަލަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުއްރަހީމް ވަކިކުރަން މަސައްކަތްކުރާކަމުގެ ވާހަކަތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން "ވަން"އަށް ދެއްވި އިންޓިވިއުއެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ އެފަދަ މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އަބްދުއްރަހީމްއާ އެކު އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށާއި އެއްވެސް "ކޯޅުމެއް" ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.