ހއ. އުލިގަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބެހެއްޓުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އުލިގަމަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން އެކަމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް އަހުމަދު މުއާޒެވެ.

‎ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ ހއ. މުރައިދުއާއި ތަކަންދޫ އަދި މާރަންދޫގައި ވެސް ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.

‎ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމެވެ. ބީއެމްއެލުން ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ހިދުމަތް ފޯރުކޮށްދެމުން އަންނަ އިރު، އެ ކުންފުނީގެ އަމާޒަކީ މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމެވެ.