ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކި ކުންފުނިތަކާ ހަވާލުކޮށް، ހުއްޓިފައިވާ ނުވަތަ މަސައްކަތް ކުރިއަށްނުދާ މަޝްރޫއުތަކުގެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މަސައްކަތްތައް ހަވާލުކޮށްފައިވާ ގޮތުން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްނުދާ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ރައީސް ދެއްކެވީ އުލިގަމު ދަނޑު ހެދުމުގެ މަޝްރޫއުއެވެ.

ރައީސް ވިދާޅުވީ ދަނޑުގެ މަޝްރޫއު ކުރިއަށްދަނީ ދަނޑަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހަމަކުރުން ނުހިމަނައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކުރީ ސަރުކާރުން އެ ދަނޑު ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ގޮތް ކަމަށާއި، ދަނޑުތައް ތަރައްގީކުރުމުގައި އެކި ކަންކަން އެކި ކުންފުނިތަކާ ހަވާލުކޮށްފައި އޮތުމުން އެންމެ ރަނގަޅަށް މަޝްރޫއުގެ މަސައްކަތް ކުރިއަށްނުދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް އެ މަނިކުފާނު ނިންމާފައިވަނީ ދަނޑު ތަރައްގީކުރާ އިރު، ހުރިހާ ވަސީލަތަކާއެކު ފުރިހަމަ ދަނޑެއް ތަރައްގީކުރަން ކަމަށާއި އެ މަސައްކަތް ހަވާލުކުރަނީ އެންމެ ކުންފުންޏަކާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން މިކަންކަން ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރާނަން. އެހެންވީމަ މިކަންކަން ހިނގައިގަންނާނެ. މި ރަށުގައި ސްކޫލުގެ މަސައްކަތްވެސް މި ދެންނެވި ސިޔާސަތުގެ ދަށުން ޓާމިނޭޓްކުރެވި އަލުން ސްޓާޓް ކުރާނަން. ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހުރިހާ މަޝްރޫއުއެއް ހުއްޓިފައި ހުރީ މިހެންވެފައޭ. ހުރިހާ މަޝްރޫއުތައް ސޯޓްއައުޓްކުރެވި ފެބުރުއަރީ މަހު ހުރިހާ މަޝްރޫއުއެއް ހިނގައިގަންނާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އުލިގަމުގެ ތަރައްގީއަށް މިއަހަރުގެ ބަޖެޓުން ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިގުތިސޯދީގޮތުން ރަށަށް މަންފާވާނެ މަޝްރޫއެއް ކަމަށްވާ ޔޮޓް މެރީނާގެ މަޝްރޫއު ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިގްތިސޯދީ ދާއިރާއިން ބަލާއިރު ވެސް ކުރަންހުރި ކަންކަން މިރަށަށް ހާއްސަ ކަންކަން އެބަހުރި. ޔޮޓް ފަހަރުގެ ވަރަށް ބޮޑު މަންޒިލެއް ހަމަ ޒަމާންތަކަށް އެކަން އޮތް ހަގީގަތް އެއީ. އެމްޕީއެލްއާއެކީގަ އޮތް އެމްއޯޔޫއެއް އެބައޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދަކީ އޭގެ ހުރިހާ މަރުހަލާތަކެއް ކަނޑައްތު ކުރެވި ފައިނޭންސިން ކަންތަކާ އޭގެ ހުރި ހުރިހާ ޑީޓެއިލް ވޯކްތަކެއް ކުރިއަށް އޮތް މަސްތަކުގަ ނިމިގެންދާނެ ކަމަށް މިއަދުގެ ބައްދަލުވުމުގަ އެކަމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ އެ ވާހަކަ ވިދާޅުވެދެއްވީ. ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތައް ޔޮޓް މެރީނާ ގާއިމުކުރުމުގެ ކަންތައް ފެށޭނެ ކަމަށް" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އުލިގަމު ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް ރޯދަ މަހުގެ ކުރިން އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އުލިގަމަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ކުނީގެ މައްސަލައަށް ވެސް މިއަހަރު ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް، އިންޑާ ޖިމެއް އަދި މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުމަކީ ވައުދުފުޅެއް ކަމަށެވެ. ރައީސް ވިދާޅުވީ މި ދައުރުގެ ދެއަހަރު ތެރޭގައި އެ މަސައްކަތްތައް ފަށައި ނިންމާނެ ކަމަށެވެ.