ހއ. އުލިގަމުގެ ޔޮޓް މެރީނާގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުން އުލިގަމުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ނިންމައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމުކޮށްދިނުން ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިގުތިސޯދީ ދާއިރާއިން ބަލާއިރު ވެސް ކުރަން ހުރި ކަންކަން މި ރަށަށް ހާއްސަ ކަންކަން އެބަހުރި. ޔޮޓް ފަހަރުގެ ވަރަށް ބޮޑު މަންޒިލެއް ހަމަ ޒަމާންތަކަށް އެކަން އޮތް ހަގީގަތް އެއީ. އެމްޕީއެލްއާއެކީގައި އޮތް އެމްއޯޔޫއެއް އެބައޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ އޭގެ ހުރިހާ މަރުހަލާތަކެއް ކަނޑައްތު ކުރެވި ފައިނޭންސިން ކަންތަކާ އޭގެ ހުރި ހުރިހާ ޑީޓެއިލް ވޯކްތަކެއް ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދާނެ ކަމަށް. މިއަދުގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ އެ ވާހަކަ ވިދާޅުވެދެއްވީ. ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް، ޔޮޓް މެރީނާ ގާއިމުކުރުމުގެ ކަންތައް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އުލިގަމު ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް ރޯދަ މަހުގެ ކުރިން އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އުލިގަމަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ކުނީގެ މައްސަލައަށް ވެސް މިއަހަރު ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އުލިގަމުގައި މިހާރު ކުރިއަށްދާ ދަނޑުގެ މަޝްރޫއު ކުރިއަށްދަނީ ދަނޑަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހަމަކުރުން ނުހިމަނައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކުރީ ސަރުކާރުން އެ ދަނޑު ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ގޮތް ކަމަށާއި، ދަނޑުތައް ތަރައްގީކުރުމުގައި އެކި ކަންކަން އެކި ކުންފުނިތަކާ ހަވާލުކޮށްފައި އޮތުމުން އެންމެ ރަނގަޅަށް މަޝްރޫއުގެ މަސައްކަތް ކުރިއަށްނުދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް އެ މަނިކުފާނު ނިންމާފައިވަނީ ދަނޑު ތަރައްގީކުރާ އިރު، ހުރިހާ ވަސީލަތަކާއެކު ފުރިހަމަ ދަނޑެއް ތަރައްގީކުރަން ކަމަށާއި އެ މަސައްކަތް ހަވާލުކުރަނީ އެންމެ ކުންފުންޏަކާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުންތައް ބާތިލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން މިކަންކަން ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރާނަން. އެހެންވީމަ މިކަންކަން ހިނގައިގަންނާނެ. މި ރަށުގައި ސްކޫލުގެ މަސައްކަތްވެސް މި ދެންނެވި ސިޔާސަތުގެ ދަށުން ޓާމިނޭޓްކުރެވި އަލުން ސްޓާޓް ކުރާނަން. ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހުރިހާ މަޝްރޫއެއް ހުއްޓިފައި ހުރީ މިހެންވެފައޭ. ހުރިހާ މަޝްރޫއުތައް ސޯޓްއައުޓްކުރެވި ފެބުރުއަރީ މަހު ހުރިހާ މަޝްރޫއުއެއް ހިނގައިގަންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް، އިންޑޯ ޖިމެއް އަދި މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުމަކީ ވައުދުފުޅެއް ކަމަށެވެ. ރައީސް ވިދާޅުވީ މި ދައުރުގެ ދެ އަހަރު ތެރޭގައި އެ މަސައްކަތްތައް ފަށައި ނިންމާނެ ކަމަށެވެ.