ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައި ހުރި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެކައުންޓްތަކުގައި ހުރި ފައިސާގެ ތެރެއިން ހަ ލައްކަ ރުފިޔާ ސިވިލްކޯޓަށް ގެންގޮސް ޕީއެސްއެމްގެ ދަރަނި ކޯޓުން ދައްކައިދީފިއެވެ.

މި މައްސަލައަކީ ގުޑް ވޯކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޕީއެސްއެމްއާ ދެމެދު އެތަނުގެ ޓީވީ އާއި ރޭޑިއޯ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޕީއެސްއެމްއިން ގުޑް ވޯކްސްއަށް ދައްކަން ޖެހޭ ހަ ލައްކަ ރުފިޔާ ނުދައްކައިގެން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އެ ފައިސާ ހޯދުމަށް ގުޑް ވޯކްސް އިން ސިވިލް ކޯޓުގައި ދައުވާކުރީ، 15 ޖޫން 2023 ގައެވެ. އެ މައްސަލަ ބެލުމަށްފަހު އެއީ ޕީއެސްއެމްއިން ދައްކަން ޖެހޭ ފައިސާއެއްކަން ސާބިތުވާކަމަށް ކަނޑައަޅައި ގުޑް ވޯކްސް އަށް އެފައިސާ ދެއްކުމުގެ ގޮތުން، 2023 ގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް އެ ފައިސާ ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން 19 ނޮވެމްބަރު 2023 ގައި ޕީއެސްއެމްއަށް އަމުރުކުރިއެވެ.

ނަމަވެސް އެ ހުކުމާ އެއްގޮތަށް ޕީއެސްއެމުން އަމަލު ކޮށްފައެއް ނުވެއެވެ.

އެހެންކަމުން އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ގުޑް ވޯކްސް އިން ސިވިލްކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލައާ ގުޅިގެން އެޅި އިދާރީ ފިޔަވަޅެއްގެ ގޮތުން، ޕީއެސްއެމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާފައި ހުރި އެކައުންތްތަކުގައި ހުރި ފައިސާގެ ތެެރެއިން ހަ ލައްކަ ރުފިޔާ ސިވިލް ކޯޓަށް ގެންގޮސް ގުޑް ވޯކްސްއަށް އެފައިސާ ދޫކުރުމަށް އަމުރުކުރި އެވެ.

އެކަމާ ގުޅިގެން ގުޑް ވޯކްސްއަށް އެ ފައިސާ ދޫ ކުރުމަށް، ސިވިލްކޯޓުގެ ފައިސާއާބެހޭ ސެކްޝަނުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރުހަމަ ކުރުމަށްފަހު އެ ފަރާތަށް ފައިސާ ދޫކުރުމުން، މިދިޔަ މަހުގެ 15 ވަނަ ދުވަހު އެފަރާތަށް ފައިސާ ލިބިފައިވާކަމަށް ވަނީ އަންގައިފައެވެ.

އެހެންކަމުން ޕީއެސްއެމުން ގުޑް ވޯކްސްއަށް ލިބެން ޖެހޭ އެންމެހާ ފައިސާ އެފަރާތަށް ލިބިފައިވާކަމަށް ހުކުމްކޮށް މި މައްސަލައިގެ ހުކުމް ތަންފީޒުވެ ނިމިފައިވާކަމަށް ސިވިލްކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.