ރާއްޖޭގެ އެކި ރަށްރަށުގައި އެމްޓީސީސީން ހަދާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް، (އާރްޓީއައި) ފެރީ ޓާމިނަލްތައް އެ ރަށެއްގެ ކައުންސިލާ ހަވާލުކުރުމަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ހއ. މޮޅަދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، 40 އަށްވުރެ ގިނަ ރަށުގައި އާރްޓީއެލް ފެރީ ޓާމިނަލް ނިންމައި ވަކި ފަރާތަކާ ހަވާލު ނުކޮށް އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ގޮތަށް ހުރި ފެރީ ޓާމިނަލްތައް ކައުންސިލްތަކާ އެގްރީމަންޓްކޮށް ހަވާލުކުރަން އެމްޓީސީސީއަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑު އުންމީދުކުރަން އެމްޓީސީސީން ފެބްރުއަރީ މަސް ނިމެންވާއިރަށް އެމްޓީސީސީން މި ރަށްވެސް ހިމެނޭ ގޮތަށް ފެރީ ޓާމިނަލްތައް ހަވާލުކޮށްދޭނެ ކަމަށް. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ ކައުންސިލްތަކަށް އެކަން ބެލެހެއްޓޭނެ ހިންގޭނެ" ރައީސް ވިދާޅުވިއެވެ.
އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ހިދުމަތް އެންމެ ފަހުން ފަށާފައިވަނީ ނ. އަތޮޅުގައެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން އާރްޓީއެލްގެ ހިދުމަތް މިހާތަނަށް ނުވަ އަތޮޅަކަށް އަންނަނީ ދެމުންނެވެ. އެއީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ޅ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު