ނެޓްފްލިކްސްގެ މަގުބޫލު ރިއަލިޓީ ޝޯ 'ދުބާއީ ބްލިންގް' އަކީ މެދުއިރުމަތީގެ އެންމެ މުއްސަނދި މީހުންގެ ދިރިއުޅުމުގެ މައްޗަށް އަލިއަޅުވާލާ ހަމައެކަނި ސީރީޒް ކަމުގައި ވެދާނެއެވެ. މި ސީރީޒްގެ ތިންވަނަ ސީޒަން ވަރަށްފަހުން ނެރެފައިވުމާއެކު، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި މި ޝޯއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ވަނީ ގިނަވެފައެވެ.

މި ޝޯއިން އެއްތަންކޮށްދެނީ އެމިރޭޓްސް ސިޓީގެ އެންމެ މުއްސަނދި މީހުންނެވެ. މިމީހުންގެ ތެރެއިން އެންމެ މުއްސަނދީ ކާކުތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވަލެކެވެ. ރިޕޯޓުތަކުގައިވާ ގޮތުން، މި ޝޯގެ ތިންވަނަ ސީޒަންގެ އެންމެ މުއްސަނދި މެންބަރަކީ މޮނާ ކައްޠާން އެވެ. އޭނާގެ މުދަލުގެ އަގު 100 މިލިއަނާއި 200 މިލިއަން ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

އިރާގު ދެމަފިރިޔަކަށް އުފަން މޮނާއަކީ ހުދާ ކައްޠާންގެ ކޮއްކޮއެވެ. މި ދެ މީހުން ގުޅިގެން އުފެއްދި ބިލިއަން ޑޮލަރުގެ ކޮސްމެޓިކްސް ބްރޭންޑް 'ހުދާ ބިއުޓީ' އަކީ ވަރަށް މަޝްހޫރު ބްރޭންޑެކެވެ. މޮނާގެ ވިޔަފާރީގެ ކާމިޔާބީގެ އިތުރުން، އޭނާ ވަނީ ޝާރްޖާގެ އެމެރިކަން ޔުނިވަސިޓީން ފައިނޭންސް ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ޖޮންސަން އެންޑް ޖޮންސަން އަދި ޑީބީއެސް ބޭންކުގައި އިންވެސްޓްމަންޓް ބޭންކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ދެވަނައަށް އެންމެ މުއްސަނދީ އިބްރާހީމް އަލް ސަމަދީ އެވެ. އޭނާގެ މަންމަގެ ފްލޮރިޑާގެ ގެއިން އީބޭގައި ހެޔޮއަގުގައި ހޯދާފައިވާ އަންނައުނު ވިއްކައިގެން ފެށި މި އަމިއްލަ މަސައްކަތުން އޭނާ މިލިއަނަރަކަށް ވެގެން ދިޔައެވެ. 50 މިލިއަން ޑޮލަރުގެ މުދަލާއެކު، މި ސީޒަނަށް އަނބުރާ އައިސްފައިވާ މި ތަރި އަކީ މި ރިއަލިޓީ ޝޯގެ އެންމެ ބޮޑު ކޮންޓްރޮވާސީ އުފައްދާ ތަރިއެވެ.

ސާލިމް ޚަމްމާސް ވަނީ 50 މިލިއަން ޑޮލަރުގެ މުދަލާއެކު ތިންވަނަ ގޮނޑިއަށް އަރާފައެވެ. މި ޝޯގައި 'ދުބާއީގެ ރަހުމަތްތެރިއެއް' އަދި ޝޯގެ ބައިވެރިޔާ، އިބްރާހީމް އަލް ސަމަދީގެ އަޚެއްގެ ގޮތުގައި ތައާރަފުކޮށްފައިވާ ސާލިމް ވަނީ ކެލިފޯނިއާ ސްޓޭޓް ޔުނިވަސިޓީން އެކައުންޓިން ދާއިރާއިން ބެޗްލާ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ދާއިރާއިން އެގްޒެކެޓިވް އެމްބީއޭ ހާސިލުކޮށްފައެވެ.

މި ޝޯގެ އެންމެ މަޝްހޫރު އެއް މޫނު ކަމުގައިވާ ސަފާ ސިއްދީޤީ، ހިމެނެނީ 'ދުބާއީ ބްލިންގް' ގެ އެންމެ މުއްސަނދި މެންބަރުންގެ ލިސްޓުގެ 13 ވަނައިގައެވެ. އޭނާގެ މުދަލުގެ އަގަކީ 1.5 މިލިއަން ޑޮލަރެވެ. އޭނާ މަޝްހޫރުވެފައިވަނީ ތަފާތު ފެޝަން ސްޓައިލްތަކުންނެވެ.

ސޯޝަލް މީޑިއާ އިންފްލުއެންސަރެއް އަދި ފެޝަން ޑިޒައިނަރެއްގެ އިތުރުން، ސަފާއަކީ މެނޭޖްމަންޓް ދާއިރާއިން ގްރެޖުއޭޓްވެފައިވާ މީހެކެވެ. ޕޮޕް ކަލްޗާ އިންޑަސްޓްރީގައި މަޝްހޫރުވުމުގެ ކުރިން އޭނާ ވަނީ ރިއަލް އެސްޓޭޓް ދާއިރާގައި މަސައްކަތްކޮށްފައެވެ. އޭނާގެ އާމްދަނީގެ ބޮޑު ބައެއް ލިބެނީ ފެޝަން އަދި ބިއުޓީ އެންޑޯސްމަންޓްތަކުންނެވެ.