ޓޫރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކުރެއްވި އޭނާގެ ދަރިފުޅު އިބްރާހިމް ފައިސަލް މަސައްކަތް ކުރެއްވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރައްވައި އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލުކުރައްވައިފައެވެ.
އެކަމާ ގުޅިގެން އަބްދުއްރަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި ވިދާޅުވީ ފައިސަލް، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ނަތީޖާ ނެރެދެއްވައިފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން. ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު. ނަތީޖާނެރެދެއްކެވި. ދާއިރާގެ އިތުބާރާ ލޯބި ހޯދި. މާތްﷲ ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ފައިސަލް، މިނިސްޓަރުގެ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ފައިސަލްއަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ އޭނާގެ ބަހެއް ވެސް ލިބޭގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު