ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް، އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރެއްވީ މިއަދު ކަމަށެވެ. އަދި އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފައިސަލް، މިނިސްޓަރުގެ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ފައިސަލްއަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ އޭނާގެ ބަހެއް ވެސް ލިބޭގޮތް ވަނީ ނުވެފައެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަން ކުރެއްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. ފައިސަލަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އޭނާގެ އިނގިރޭސި ބަހުން ވާހަކަ ދެއްކެވުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ. އެކަމާ ގުޅިގެން ފައިސަލް ވިދާޅުވެފައިވަނީ ކޯޗެއްގެ އެހީގައި އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޓޫރިޒަމް ދާއިރާގެ މާބޮޑު ތަޖުރިބާއެއް ފައިސަލްގެ ނެތް ނަމަވެސް އޭނާ ވަނީ މެލޭޝިއާއިން ބިޒްނަސް މެނޭޖްމެންޓުން ފަސްޓް ޑިގްރީ ހާސިލުކުރައްވައިފައެވެ. މާސްޓާސްގެ ތީސީސް އޭނާ ހެއްދެވީ ޓޫރިޒަމް ދާއިރާއަށެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިފުޅަށްވުން ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން ފައިސަލް ވިދާޅުވެފައިވަނީ ރައީސް މުއިއްޒު، އޭނާއަށް ޓޫރިޒަމް މިނިސްޓަރުކަން ދެއްވީ އެ މަގާމަށް ގާބިލު ބޭފުޅު ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށާއި އަބްދުއްރީމުގެ ދަރިފުޅަށްވުމުގެ ސަބަބުން ނޫން ކަމަށެވެ.