ގއ. ނިލަންދުއާއި އެ އަތޮޅު ދާންދޫގެ ގޭގެއަށް ރޯދަ ހަދިޔާގެ ގޮތުގައި ބަހަން ފޮނުވި ކާޑުގެ ބާވަތްތައް ބަރުކޮށްގެންދިޔަ ދޯންޏެއް މިއަދު ފަރަށް އަރައިފިއެވެ.

ހުވަދު އަތޮޅު އެކެފަރު ފަރަށް ރޭ ފަތިހުގެ ވަގުތެއްގައި އަރާފައިވަނީ، ލިއޯ ޓްރޭޑިން ކުންފުނީގެ ދޯންޏެކެވެ. އެ ދޯނި ދަތުރު ކުރަމުން ދިޔައީ އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ސަވާދުގެ ފަރާތުން ދާންދޫ އާއި ނިލަންދުއަށް ފޮނުވި ރޯދަ ހަދިޔާ ހިފައިގެންނެވެ.

ގއ. ނިލަންދު ކައުންސިލު ރައީސް ނާސިހު އިބްރާހިމް "ވަން" އަށް މިއަދު ވިދާޅުވީ ދޯނި ފަރަށް އެރި އިރު، ހަކުރު، ހަނޑޫ އަދި ފުށުގެ 50 ކިލޯގެ 1،080 ބަސްތާ އާއި އެ ދެ ރަށުގެ ކޮންމެ ގެއަކަށް ފަސް ކިލޯގެ ކަދުރު ހުރި ކަމަށެވެ.

"ދޯނި ފަރަށް އެރުމުން އެ ހުރިހާ މުދަލެއް ވަނީ މޫދަށް ވެއްޓި، ހަލާކުވެފައި. އެ ދޯންޏަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ،" ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވި ގޮތުގައި ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.